Last Updated: April 19, 18:08
Friday, April 19, 2024
ރިޕޯޓް

ރަނިންމޭޓްކަން ވިޔަސް ނަޝީދަށް ހެޔޮ!

ޖޭޕީގެ ކޮންގްރެސްަގައި ގާސިމާ އެކީ ނަޝީދު.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިހާރު ސިޔާސީ ގޮތުން ރާއްޖޭގައި ލިބިވަޑައިނުގަންނަވާ މަގާމެއް ނެތެވެ. އެ މަނިކުފާނަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ މިހާރުގެ ރައީސެވެ. ކުރިން އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރެއްވި އެވެ. ރާއްޖޭގެ ރައީސްކަން ވެސް ކުރައްވައިފި އެވެ. ތަފާތަކީ ފަސް އަހަރުގެ ދައުރު ފުރިހަމަނުކުރެއްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އެތައް އަހަރަކު ކުރައްވާފައިވާ ނަޝީދަކީ މިހާރު މަޖިލީހުގެ ރައީސެވެ. އެހެންވެ ކުރުކޮށް ބުނާ ނަމަ މިހާރު ނަޝީދަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ނުލިބޭ ލައްޒަތެއް ނެތެވެ.

މީހުން އަބަދު ވެސް ބުނެ އުޅެ އެވެ، ވެރިކަމަކީ އޭގެ ލައްޒަތާއި ޖާހާއި ޝަރަފު ލިބުމުން އެއަށް ދެވިހިފާ ކަމެކެވެ. ނަޝީދު ސިޔާސީ މަސައްކަތް ގެންގުޅުއްވާ ގޮތުން ފެންނަނީ އެ ބުނާ ބަހުގެ ހަގީގަތެވެ. އަމިއްލަ ޕާޓީގެ ބޭފުޅަކު ރައީސްގެ މަގާމުގައި ހުންނެވި ނަމަވެސް ނަޝީދު ހުންނެވީ ގައުމުގެ ވެރިޔާ އާއި އަމިއްލަ ޕާޓީއާ މެދު ވެސް ހިތްހަމަޖެހިވަޑައިނުގެން އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ނަޝީދު އެންމެ ހިތްޕުޅާވެވަޑައިނުގަތް އެއް ކަމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީ އަށް ފުރޮޅާލައި، ނަޝީދަށް ބޮޑުވަޒީރުކަށް ވެވަޑައިގެންނެވޭ ގޮތެއް ހޯއްދަވައި ދެއްވުމަށް އިންކާރުކުރެއްވުމެވެ.

އެ ނުތަނަސްކަމުގެ ތެރޭގައި މި އަހަރުގެ ރިޔާސީ އިންތިބާހަށް ނުކުންނަވަން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ނަޝީދު ޕްރައިމަރީ އަށް ނުކުމެވަޑައިގަތީ "ހިތުން ރައީސް ސޯލިހު ޗޮކުން ދުއްވައިލާނެ" ކަމުގެ ނިޔަތާ އެކީގަ އެވެ. އެކަމަކު ކުރިން އެމްޑީޕީގެ ގިނަ މެމްބަރުން "ރޫހާނީ ލީޑަރެއް" ނުވަތަ "ހިތްތަކުގެ ރައީސް" ގެ ގޮތުގައި ސިފަކުރަމުން ދިޔަ ނަޝީދަށް ޕްރައިމަރީން ލިބިވަޑައިގަތް ފިލާވަކީ "އެ ދުވަސް ހިނގައްޖެ" ކަމެވެ.

ނަތީޖާ އަކީ ބަލި ގަބޫލުކުރައްވަން ދެކޮޅު ހެއްދެވުމެވެ. އެހެންވެ ޕްރައިމަރީ އަށް ފަހު، ނުކުންނެވީ "ފިކުރެއް ދިރުވަން" ގެ ނަމުގައި، ރައީސް ސޯލިހުގެ ފަޅީގެ މެމްބަރުން ބުނާ ގޮތަށް އެމްޑީޕީ ފުނޑާލުމަށެވެ. އެ ހަރަކާތް ނަޝީދު ވަރަށް ފޯރީގައި ކުރިއަށް ގެންގޮސްފި އެވެ. އެ ފަޅީގައި ތިބި މީހުން ބުނާ ގޮތުން "ފިކުރެއްގެ ދިރުން" އަށް ބައި ލައްކަ މީހުން ސޮއިކޮށްފި އެވެ. އެހެންވެ އަމާޒަކަށްވެފައި އޮތީ 95،000 އަށް އަދަދު އެރުމެވެ.

އެކަމަކު ނަޝީދު ދިރުވަން އުޅުއްވާ ފިކުރުގެ ވާހަކަ އަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފަ އެވެ. ސަބަބަކީ ރިޔާސީ އިންތިހާބަށް ބާއްވަން ގާތްވަމުން އަންނަ އިރު، ޕާޓީތަކުން ކަންކަން ކުރާނެ ގޮތް ނުވަތަ ނިންމާނެ ނިންމުންތަކަށް މިހާރު ފޯކަސް ހުއްޓިފައި އޮތުމެވެ.

މިއާ އެކީ އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވާ ގޮތުން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީއަކާ އެ މަނިކުފާނު ކުރައްވާނެ މަޝްވަރާއެެއް ނެތެވެ. އަމުދަކުން ރައީސް ސޯލިހާ އެކީ އެމްޑީޕީ އަށް އިންތިހާބަށް ވެސް ކާމިޔާބުވުމެއް ވެސް ނެތެވެ. ނަޝީދު ސަޕޯޓަރުންނަށް ވެސް ދައްކަވާ ބޮޑު މަންޒަރަކީ އެއީ އެވެ.

އެހެންވެ ނަޝީދުގެ ސިޔާސީ ކުރިމަގު މިހާރު އަނެއްކާ ވެސް އެހެން ގޮތަކަށް އެނބުރެން އުޅޭކަމުގެ ކުލަވަރު ވަނީ ފެންނަން ފަށައިފަ އެވެ. އެގޮތުން ސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ، ރައީސް ސޯލިހަށް ތާއީދު ނުކޮށް، އެމްޑީޕީއާ ކޯލިޝަން ވެސް ނަހަދައި ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފޯރި އާއި ރޫހު އެ ޕާޓީގެ ތެރޭގައި މިހާރު ވަރަށް ގަދަ އެވެ.

އަނެއްކޮޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވެސް ކޮންމެވެސް ދުވަކުން ރާއްޖޭގެ ވެރިކަން ކުރައްވަން ހިތުލައިގެން އުޅުއްވާ ބޭފުޅަކަށްވާތީ، ނަޝީދު މިހާރު "އެ ކުޅޭ ކުޅިގަނޑު" ގެ ފައިދާ މި ފަހަރު ގާސިމަށް ނެގިދާނެ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. އަނެއްކޮޅުން މާ ދުރުދުން ނަމަވެސް ނަޝީދު ގެންދަވަނީ ގާސިމަށް "ވައި ޖަހައި" ސިޔާސީ ގޮތުން ކޮންމެވެސް ބޮޑު މަގާމެއް ޖޭޕީ މެދުވެރިވެގެން ހޯއްދަވަން ރާއްވަމުންނެވެ.

ސިޔާސީ މަސްރަހުގައި މިހާރު ކަންތައްތައް ވަމުންދާ ގޮތާއި އިވޭ އަޑުތަކަށް ބަލާ އިރު، އެމްޑީޕީގައި ތިބި ނަޝީދުގެ ސަޕޯޓަރުންނާ އެކީ އެ މަނިކުފާނު އަރުއްވާނީ ޖޭޕީގެ ލީޑަރު ގާސިމްގެ ފަހަތްޕުޅަށެވެ. އެއީ ރަނިންމޭޓަކަށެވެ. އެކަމުގެ ހުށަހެޅުންތަކާއި މަޝްވަރާތައް ވެސް ކުރިއަށްދާކަމުގެ އަޑުތައް ގަދަ އެވެ.

ނަޝީދުގެ އަމަލުތައް މިހާރު ހުރި ގޮތުން އެ މަނިކުފާނަށް ރަނިންމޭޓްކަން ވިޔަސް މި ފަހަރު ހަމަ ހެޔޮ އެވެ. ސަބަބަކީ ރައީސް ސޯލިހު ބަލިކުރައްވަން ބޭނުންވެވަޑއިގަތުމެވެ. އެހެންވެ ޖޭޕީން އަރުވާ ރަނިންމޭޓްގެ ފުރުސަތުގެ ބޭނުން ނަޝީދު ހިއްޕެވުމަކީ ވެސް ނުވުމަށް ވުރެ، ވުން ގާތް ކަމެކެވެ. ސަބަބަކީ އެ މަނިކުފާނަކީ "ކުރަން ބުނާ ކަންތައްތައް ނުކޮށް، ކުރަން ނުބުނާ ކަންތައްތައް ކުރާ" ބޭފުޅެއްކަން ވެސް ފެންނަން ވެސް އޮތުމެވެ.

އަނެއްކޮޅުން ނަޝީދުގެ ފަހަތުގައި ތިބި ސަޕޯޓަރުންނާ އެކީ އިންތިހާބަށް ޖޭޕީން ނުކުމެއްޖެ ނަމަ، ގާސިމް ރައީސްކަމަށް ދެކެވަޑައިގަންނަވާ ހުވަފެން ހަގީތަކަށް ވެދާނެ ތޯއްޗެވެ. ޖޭޕީ އަކީ ކުޑަ ޕާޓީއެއް ނޫނެވެ. އެއީ ރާއްޖޭގައި ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ. އަދި ޖޭޕީ އަކީ އަބަދު ވެސް ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ، އެ ފަހަރަކު ބޭނުންވާ ކޮޅަކަށް އަނބުރާލުމުގައި މުހިއްމު ރޯލެއް ވެސް އަދާކުރާ ޕާޓީއެކެވެ.

އެހެންކަމަށްވުމާ އެކީ ގާސިމަށް ވެރިކަން ހޯއްދަވަން ނަޝީދުގެ ބޭނުން މި ފަހަރު ހިފުމަކީ ހަމަ ވުން ވަރަށް ގާތް ކަމެކެވެ. އެކަމަކު އެންމެ ބޮޑު ސުވާލަކީ ގާސިމާއި ނަޝީދުގެ "ޖޯޑު" އިންތިހާބު ކާމިޔާބުކޮށްފި ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މާޒީގައި ކަންތައްވެފައި ހުރި ގޮތަށް ބަލާ އިރު، އެއްވެސް ބަޔަކަށް ނަޝީދާ އެކީ ސިޔާސީ މަސައްކަތެއް ކުރަން ފަސޭހައެއް ނޫނެވެ.

އެހެންވެ ގާސިމްގެ ފަހަތްޕުޅުން ރަނިންމޭޓަކަށް ނުކުންނަވައި އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ނަޝީދު ދެން ކުޅުއްވައިފާނެ "ޑްރާމާއަކަށް" ވެސް ފާރަވެރިވާން ޖެހެ އެވެ. މިކަންކަމަށް ޖުމްހޫރީ ޕާޓީން ލައްކަ ވިސްނާނެ ކަމަށް ބެލެވެ އެވެ. ކަންކަން މިހެން ހުރުމާ އެކީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ސިޔާސީ މަސްރަހުން އެތައް ޗަރުކޭހެއް އަދި ފެންނާން އޮތީ އެވެ.

އާންމުން ތިބީ މިކަންކަން ބަލާށެވެ. ސިޔާސީ މީހުން ހަނދާނުގައި ބަހައްޓަންވީ ކަމަކީ އެންމެ ގަދަ ބާރަކީ ރައްޔިތުންކަމެވެ.