Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ނަޝީދު ރަނިން މޭޓަކަށް ގެންނަން މަޝްވަރާއެއް ނުކުރޭ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާގެ ރަނިން މޭޓަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމަށްފަހު ނިކުމެ ވަޑައިގެން ޤާސިމް ވިދާޅުވީ ނަޝީދު ރަނިންމޭޓަކަށް ހަމަޖެއްސުމާ ގުޅޭ މަޝްވަރާއެއް އަދި އެފަދަ ހުށަހެޅުމެއް ވެސް އޭނާއާ ހަމައަށް އައިސްފައި ނުވާ ކަމަށެވެ.

"އަޅުގަނޑަކަށް އެކަން އިނގިފަކާއެއް ނެތް، އަދިއެއް ނާދެ އެފަދަ މަޝްވަރާއެއް ވެސް" ގާސިމް ވިދާޅުވި އެވެ.

ރައީސާއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލު ގާސިމް ދެކޮޅު ހެއްދެވި އެވެ. ނަމަވެސް މި ބައްދަލުކުރެއްވުމުގައި ދެކެވުނީ ސިޔާސީ ވާހަކަތައް ކަމަށާއި އެގޮތުން ކުރިއަށް އޮތް އިންތިހާބަށް ކޯލިޝަނެއް އޮންނާނެތޯ ނުވަތަ ނޫންތޯ މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި އެވެ. އަދި އިންތިހާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނުނިންމަވާ ކަމަށާއި އޭނާ އަމަލުކުރައްވާނީ ޕާޓީގެ ކައުންސިލުން ނިންމާ ގޮތަކަށް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން ވާދަކުރުމާ ގުޅޭ ގަރާރު އެ ޕާޓީގެ ގައުމީ ޖަލްސާ އިން ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރު ޖޭޕީގެ ގައުމީ ޖަލްސާ އިން ފާސްކުރުމުން ދެން އެ ނިންމުން ގެންދާނީ އެ ޕާޓީގެ ކައުންސިލަށެވެ. ޖޭޕީ ރިޔާސީ އިންތިހާބުގައި ވާދަކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ އެޕާޓީގެ ކައުންސިލުންނެވެ.