Last Updated: March 29, 14:40
Wednesday, March 29, 2023
ޚަބަރު

ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށް ދޭން އެދިއްޖެ

މި އަހަރު ރާއްޖެ އަށް 2،500 ހައްޖު ކޯޓާ ހަމަޖައްސައި ދޭން އިސްލާމިކް މިނިސްޓްރީން ސައުދީ އަރަބިއްޔާގެ ސަރުކާރުގައި އެދިއްޖެ އެވެ.

މިނިސްޓްރީން އެގޮތަށް އެދުނީ މި އަހަރު ރާއްޖެ އަށް 1،000 ކޯޓާ ހަމަޖައްސައި ދީފައި ވަނިކޮށެވެ. ނަމަވެސް އެ އަދަދު އިތުރުކޮށްދޭން އިސްލާމިކް މިނިސްޓްރީން އެދިފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ދައުލަތު މީޑިއާ، ޕީއެސްއެމަށް ވިދާޅުވީ ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށްދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން މިހާރު އެދިފައިވާ ކަމަށާއި އެ އަދަދަށް ކޯޓާ ހަމަޖެހޭނެކަމުގެ އުންމީދު ވެސް ވަރަށް ބޮޑު ކަމަށެވެ.

މީގެ ކުރިން ވެސް ސައުދީން ރާއްޖެ އަށް ހައްޖު ކޯޓާ އިތުރުކޮށް ދީފައިވެ އެވެ.

މިހާރު ލިބިފައިވާ ކޯޓާގެ ދަށުން މީހުން ހައްޖަަށް ގެންދިއުމަށް ސަރުކާރުން މި އަހަރު ވަނީ ގްރޫޕްތަކަށް ވެސް ދޭން ނިންމައި، އެކަމަށް ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން ގްރޫޕްތަކަށް ޕްރޮފޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް އޮންނާނެ އެވެ. އަދި އޭގައި ބައިވެރިވާން މި މަހުގެ ތެރޭގައި ކުރިން 10،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

އަމިއްލަ ގްރޫޕްތަކުގެ އިތުރުން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ވެސް ކުރާނެ އެވެ. މިދިޔަ އަހަރު ރާއްޖެ އަށް ލިބުނު 453 ކޯޓާ ދިނީ އެ ކޯޕަރޭޝަނަށެވެ.