Last Updated: April 25, 06:02
Thursday, April 25, 2024
ދުނިޔެ

"ޒޫމް" ގެ ރައީސް މަގާމުން ވަކިކޮށްފި

ވީޑިއޯ ކޮންފަރެންސަށް ހާއްސަ ޕްލެޓްފޯމެއްގެ ގޮތުގައި މަޝްހޫރު ޒޫމްގެ ރައީސް ގްރެގް ޓޮމްބް މަގާމުން ވަކިކޮށްފި އެވެ.

ވަކި ސަބަބެއް ހާމަނުކޮށް އޭނަ މަގާމުން ވަކިކުރުމަށް ފަހު، ޒޫމް އިން ބުނީ ދެން ރައީސް މަގާމުގެ ފުރާނެ މީހަކު ހޯދަމުން އަންނަ ކަމަށެވެ. ޒޫމްގެ ރައީސްގެ މަގާމާ ގްރެގް ހަވާލުވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އޭނަ އަކީީ ކުރިން ގޫގުލްގެ އެގްޒެކެޓިވެއްގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ދެހާސް އެގާރައިގައި ވުޖޫދަށް އައި ޒޫމް އަކީ ކޮވިޑްގެ ބަލިމަޑުކަމާ ވިދިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް ލޮކްޑައުންތަކަށް ދިއުމުން މުއާމަލާތްތަކަށް އެންމެ ބޮޑަށް ބޭނުންކުރި އެއް ޕްލެޓްފޯމެވެ. ހާއްސަކޮށް ގޭބަންދުވެގެން ތިބެ މަސައްކަތްކުރަން ޖެހުމުން ޒޫމްގެ ނުފޫޒު ވަރަށް ބޮޑުވެގެން ދިޔަ އެވެ. އަދި ކައިވެނި ހަފުލާތަކާއި ޖަނާޒާތަކަށް ވެސް އޭރު ޒޫމް މެދުވެރިކޮށް ބާއްވަމުން ގޮސްފައިވެ އެވެ.

އޭރު ޒޫމް ހިމެނިގެން ދިޔައީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓެކް ކުންފުނިތަކުގެ ތެރޭގަ އެވެ.

ޒޫމްގެ ސީއީއޯ އަކީ އެރިކް ޔުއަން އެވެ.