Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

ސިއްހަތާ ގުޅޭ ނުރައްކާތެރި އިންޒާރެއް!

ކުރިއަށް އޮތް 12 އަހަރުގެ ތެެރޭގައި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ފަލަ ނުވަތަ އާދަޔާހިލާފަށް ފަލަ މީހުންނަށް ވާނެ ކަމަށް ރިިޕޯޓެއްގައި ބުނެފި އެވެ.

ވޯލްޑް އޮބެސިޓީ ފެޑެރޭޝަނުން ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން ފަލަވުމާ ދެކޮޅަށް ގައުމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ 2035 ވަނަ އަހަރާ ހަމައަށް އަންނަ އިރު، ދުނިޔޭގެ އާބާދީގެ 51 ޕަސެންޓަކީ ސިއްހީ ގޮތުން ދުޅަހެޔޮ ނޫން، ފަލަ މީހުންނެވެ. އަދި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އާދަޔާހިފާލަށް ފަލަމުން ދިއުމެވެ.

އެގޮތުން 2035 އަށް ހަމައަށް އަންނަ އިރު، ފަލަކޮށް ތިބޭ އަންހެން ކުދިންގެ އަދަދު 175 މިލިއަނަށް އަދި ފިރިހެން ކުދިންގެ އަދަދު 208 މިލިއަނަށް އަރާނެ އެވެ. މިއީ 2020 އާ އަޅާބަލާ އިރު، ދެ ޖިންސްގެ ކުދިންގެ މެދުގައި ވެސް ދެގުނަ ބޮޑު މިންވަރެކެވެ.

ރިޕޯޓްގައި ބުނީ ފަލަވުމުގެ މައްސަލަތައް އެންމެ ބޮޑަށް ފާހަގަކުރެވެމުން ދަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކުގަ އެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރިމަގުގެ ޖީލު ކަމަށްވާ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އާދަޔާހިލާފަށް ފަލަވަމުން ދިއުމުން،" ވޯލްޑް އޮބެސިޓީ ފެޑެރޭޝަންގެ ރައީސް ލުއިޒީ ބޯރް ވިދާޅުވި އެވެ. "އެހެންވެ ދުނިޔޭގެ ފެންވަރުގައި، ގައުމީ ފެންވަރުގައި ސަރުކާރުތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އެބަޖެހޭ ބޮޑުވަމުން އަންނަ ޖީލުގެ ސިއްހަތަށް ހާއްސަ ސަމާލު ކަމެއް ދޭންް. އެހެން ނޫނީ ފަލަވުމާ ގުޅިގެން ދެން ކުރިމަތިވާ ސިއްހީ މައްސަލަތަކާ ގުޅިގެން، އެކަމަށް ހުރޭ ހޭދަ ވެސް އެތައް ގުނައަކަށް އިތުރުވެގެން ދާނެ."

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ފަލަވާން ދިމާވަނީ ހަމައެކަނި ސީދާ ކެއުމުގެ ވައްޓަފާޅި ބެހެއްޓޭ ގޮތަކުން އެކަންޏެއް ނޫނެވެ. އެކަމަކު އުފެދުމުގެ ދިމާވެފައިވާ ކަންކަމުގެ ސަބަބުންނާއި ދިރިއުޅޭ ވެއްޓާއި އިޖުތިމާއީ އެކި ކަހަލަ ނޭދެވޭ ކަންކަމާ ގުޅިގެން ވެސް ފަލަވާން މެދުވެރިވާ ކަމަށް ވޯލްޑް އޮބެސިޓީ ފެޑެރޭޝަނުން ބުނެ އެވެ.

އެ ތަނުން ބުނި ގޮތުގައި މި ރިޕޯޓް މި ހަފުތާގެ ތެރޭގައި އދ. ގެ ކަމާބެހޭ ފަރާތްކަށް ވެސް ހުށަހަޅާނެ އެވެ.