Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އައްޑޫގެ 1،000 ގޯއްޗަށް 4،000 ފޯމު

ހިތަދޫގެ ޑްރޯން ޝޮޓެއް / ފޮޓޯ: ައައްޑޫލައިވް

އައްޑޫން ދޫކުރަން ނިންމި 1000 ގޯއްޗަށް 4100 އެއްހައި ފޯމް ހުށަހަޅާފައިވާ ކަަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ ފެބްރުއަރީ މަހު ހުޅުވާލިއިރު، އައްޑޫގެ 4 އަވަށުން ގޯތި ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. އެއީ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫންނެވެ. އައްޑޫގެ އަވަށްތަކުން ބިން ދޫކުރުމަށް އިއުލާންކޮށްފައިވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ރަށެއްގައި ދިރިއުޅޭ އެރަށަކަށް ނިސްބަތްވާ މީހުންނަށް އޭ ކެޓަގަރީން އަދި އެރަށަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ މީހުންގެ ތެރެއިން ބީ ކެޓަގަރީއަށެވެ.

ގޯއްޗަށް އެދުމަށް ހުޅުވާލި ފުރުސަތުގައި، ޖުމްލަ 4096 ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ލިބިފަވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެެވެ. އެއީ އަދި ހިތަދޫ އަދި ފޭދޫގެވެސް އޮންލައިން ބައެއް ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކައުންސިލުން ބުނެއެވެ. އީއްޔެއާއި ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުރިހާ އަވަށަކުން ބަނދުވެފައިވާއިރު، އޭ ކެޓަގަރީއަށް އަވަތަކުން 3560 ފޯމް ހުށަހަޅާފައިވެއެވެ. އަދި ބީ ހުށަހަޅާފައިވަނީ 536 ފޯމެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާ / ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީ ކައުންސިލުން އައްޑޫލައިވްއާއި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ހިތަދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ އޭ ކެޓަގަރީގެ 450 ގޯތި އަދި ބީ ކެޓަގަރީގެ 50 ގޯތިއެވެ. މިއާއެކު ޖުމްލަ 500 ގޯތި މިއަވަށުން ދޫކުރާއިރު އޭ ކެޓަގަރީއަށް 2186 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. އަދި ބީ ކެޓަގަރީއަށް 294 މީހުން ހިތަދޫ އަވަށުން ފޯމް ހުށަހަޅާފައިވެއެވެ.

ފޭދޫ އަވަށުން ޖުމްލަ ޖުމްލަ 300 ގޯތި ދޫކުރާއިރު އޭ ކެޓަގަރީން 270 ގޯތި ދޫކުރާނެއެވެ. އަދި ބީ ކެޓަގަރީން 30 ގޯތި މިއަވަށުން ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން މިހާތަނަށް އޭ ކެޓަގަރީއަށް 879 މީހުން ފޯމް ހުށަހަޅާފައިވާއިރު، ބީ ކެޓަގަރީއަށް 179 މީހުން ފޯމް ވަނީ ހުށަހަޅާފައެވެ. މިއީ ފޭދޫގެ ބިން ހިއްކުމަށް ފަހު ބިން ދޭން ނިންމައި ހުޅުވާލި ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ފޭދޫ މަތިން ފެންނަ ގޮތް. ފޮޓޯ: އަހުމަދު އާއިޝް ނަސީރު/ އައްޑޫ ލައިވް

މީދޫ އަދި ހުޅުދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ އަވަށަކުންވެސް 100 ގޯތިއެވެ. އަދި މިއިން ކޮންމެ އަވަށަކުން ބީ ކެޓަގަރީއަށް 10 ގޯތި ދޫކުރާއިރު ބާކީ 90 ގޯތި ދޫކުރާނީ އޭ ކެޓަގަރީގައެވެ. ހުޅުދޫ އަވަށުން ގޯއްޗަށް އެދި 226 މީހުން އޭ ކެޓަގަރީން ލާފައިވާއިރު ބީ ކެޓަގަރީން ލާފައިވަނީ 31 މީހުންނެވެ. މީދޫ އަވަށުން އޭ ކެޓަގަރީއަށް 269 މީހުން ލާފައިވާއިރު 32 ފަރާތެއް ވަނީ ލާފައެވެ.

އައްޑޫއިން ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މީހުން ފޯމް ލާފައިވާއިރު، މިއީ ގިނަ އަވަށްތަކުން އަހަރުތަކެއް ފަހުން އައްޑޫއިން ގޯތި ދޫކުރުމަށް އިއުލާން ކުރި ފުރަތަމަ ފަހަރު ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ގޯއްޗަށް އެދި ފޯމް ލާފައިވާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ފަހު ދެން އޮތީ ފޯމްތައް އެސެސްކޮށް ޕޮއިންޓް ލިބޭ ގޮތް އާންމު ކުރުމެވެ. މިމަސައްކަތް ކުރެވޭނެ ތަރީހެއް އަދި އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފައި ނުވެއެވެ.