Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

އޭއީއެޗް ދިމާ ގޯތި؛ ހައްލެއް ހޯދަން އަދި ކިތައް ހަފުތާ؟

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދު މަތިން ފެންނަ ގޮތް. ފޮޓޯ/ އާތިފް (ހަމިއްޓޭޒް)

"އަޅުގަނޑު ނިންމަނީ ކުރިއަށްއޮތް ހަފްތާގެ ތެރޭ މިކަމަށް (އޭއީއެޗް ސަރަހައްދުން ކައުންސިލަށް ނެގި ގޯތިތަކުގެ މައްސަލައަށް) އެ ގޯތިތަކުގެ ވެރިފަރާތުން އެދޭފަދަ ރަނގަޅު ހައްލެއް ހޯދައިދިނުމަށް. އިރާދަ ކުރެއްވިއްޔާ މިއަންނަ ހަފްތާގައި އެކަން ހައްލުކޮށްދޭނަން." ނިޒާރު ވިދާޅުވިއެވެ.

މިއީ އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ރައީސް އިބްރާޙިމް މުހައްމަދު ސާލިޙް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވަމުން ކެމްޕެއިން ނިންމާލަން އައްޑޫގައި ޖެނުއަރީ މަހު 26 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވި ވާހަކައެކެވެ. އެވާހަކައް ނިޒާރު ދެއްކެވިތާ މިވަނީ އެއްމަހަށް ވުރެ ގިނަ ދުވަސް ވެފައެވެ. އެހެން ގޮތަކުންނަމަ މިއަދަށް 40 ދުވަސް ވީއެވެ.

ވޯޓު ހޯދަން ހަމައެކަނި ދެއްކި ވާހަކައެއް؟

އެ ޖަލްސާގައި އެވާހަކަ ދެއްކެވި އިރު މޭޔަރ ނިޒާރު ފާހަގަ ކުރެއްވި އެއްކަން އޮތެވެ. އެއީ މިކަމުގެ ސަބަބުން އެމްޑިޕީ އެތެރޭގެ ޕްރައިމަރީއަށް ހިޔަނި އެޅޭކަމެވެ. ރައްޔިތުންގެ ހިތްހަމަ ނުޖެހުން އޮތް ވާހަކައެވެ. ނަމަވެސް އެ ހަފްތާއެއްވެސް ރައްޔިތުންނަކަށް ނުފެނުނެވެ. ވޯޓުލައި ނިމި، މޭޔަރ ކެމްޕެއިން ކޮށްދެއްވި ފަޅިން ޕްރައިމަރީވެސް ކާމިޔާބުކޮށްފިއެވެ. ސުވާލަކީ އެ ދުވަހު އެ ވާހަކަ ޕޯޑިއަށް އިތުރު ފުރުސަތެއް ހޯއްދަވައި އަރުއްވައި ދެއްކެވީ ހަމަ ސިޔާސީ ބޭނުމަކަށްތޯ އެވެ. ނުވަތަ އިޙްލާސްތެރި ނިޔަތެއްގައި މައްސަލައަށް ހައްލެއް ހޯދައި ދެއްވުމަށް ތޯއެވެ.

އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ޕްރައިމަރީ ޖަލްސާގައި ވާހަކަ ދައްކަވަނީ / ފޮޓޯ: އައްޑޫލައިވް

އެ މައްސަލައަށް ދޮޅުއަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ހަޤީގަތައް ފެންނަން އޮތް ކަމަކީ ކޯޓު މަރުހަލާގައި މައްސަލަ އޮވެ، ދިގުލައިގެން ދާއިރު އެ ގެ ގޯތިތަކުގެ ވެރިފަރާތްތަކަށްވެސް އެއްވެސް ފައިދާއެއް ނުކުރާކަމެވެ. އަދި ކައުންސިލުން ބޭނުންވި ގޮތަށްވެސް އެތަން ތަރައްޤީ ނުވި ކަމެވެ. ހަޤީގަތުގައި ކައުންސިލަށް މިހާރުވެސް ކައުންސިލަށް އެ ގޯތިތައް ދޫކުރުމުގެ ބާރު އެބައޮތެވެ. ކޯޓުން ބޭރުން މައްސަލައަށް ހައްލެއް ހޯދާނަމަ، އެ ގޯތިތަކުގެ ވެރިފަރާތްތަކަށް އަދުލުވެރި ބަދަލެއް ދޭން ޖެހެއެވެ.

އަދުލުވެރި ބަދަލެއްވެސް ނުދެވުނު!

ހޮސްޕިޓަލް ސަރަހައްދަކީ މިވަގުތު ހިތަދޫގައިވެސް ބިން އެންމެ އަގު ބޮޑުކޮށް އޮތް ސަރަހައްދެވެ. އެއީ ވިޔަފާރިތަކުން ބިން ހޯދަން ބޭނުން ސަރަހައްދެކެވެ. އެއީ އާންމު މީހާ ގެ އަޅައި ކޮޓަރި ކުލިއަށް ދޫކުރަން އުނދަގޫ ނުވާނެ ސަރަހައްދެކެވެ. މިހުރިހާ ކަމެއް އޮވެ، އެ ސަރަހައްދުން ލިބިފައި އޮތް ތަންކޮޅު ދޫކޮށްލައި ރަށުތެރެއިން ކޮންމެވެސް ދިމާލަކުން ބިން ބޭނުން ބޭނުން ވާނެ މީހަކު ވަރަށްވެސް މަދުވާނެއެވެ. އެއީ ކައުންސިލަށް އެނަގާ ބިމުގެ އަދުލު ވެރި ބަދަލަކަށް ވާނެ އެއްވެސް ގޮތެއް ވެސް ނޯންނާނެއެވެ. އެހެން ސަރަހައްދަކުން ހޯދާ ބިމަކުން އެ ފައިދާ ލިބުން ނާދިރުކަމުންނެވެ.

އެ ބިންތަކަށް ހައްލެއް ހޯދައި ނުދެވިގެން އުޅެނީ މިވަގުތު ކުރާނެ ކެމްޕެއިންނެއް ނުވަތަ ހޯދާނެ ވޯޓެއް ނެތީމަތޯއެވެ. ނޫނީ އަދިވެސް ކައުންސިލުން އެ ތަން ދޫކުރަން ބޭނުން ނުވާތީތޯއެވެ. މިއީ ރައްޔިތުންގެ ސުވާލުތަކެކެވެ.

ޓެކްނޮލޮޖީގެ މި ޒަމަނުގައި ގޯއްޗަށް އެދުމަށް އިހުގެ އުސޫލު!

ކައުންސިލުން ބިންތައް ދޫކުރަން ބޭނުންވެގެން އުޅޭ ކަމާއި މެދު ބައެއް ފަރާތްތަކުން ސުވާލުވެސް އުފައްދައެވެ. އެއީ އައްޑޫއިން 1000 ގޯތި ދޫކުރުމަށް އިއުލާން ކުރި ގޮތުންނެވެ. އައްޑޫގައި ރަޖިސްޓްރީވެ ދިރިއުޅޭ ފަރާތްތައްވެސް އައްޑޫގައި އުޅޭ ކަމުގެ ލިއުމެއް ހޯދަން ޖެހުނެވެ. ބިމަށް އެދޭ ފޯމުގައި މާކަށް ގިނަ ލިއުމެއް ލިޔާކަށް ނެތެވެ. ހުސް އާންއެކޭ ނުވަތަ ނޫނެކޭ ޖަވާބުތަކެކެވެ. ދެން ލިޔަން ޖެހުނަސް އޮތީ ޒާތީ ބައެއް މައުލޫމާތު ތަކެކެވެ. އައިޑީ ކޮޕީތަކާއި އުޅެމުންދާ ގޭގެ ރެޖިސްޓްރީ ކޮޕީ އާއި އެނޫންވެސް އެތަށް ލިއުމެއް ހުށަހަޅަން އޮތެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާ / ފޮޓޯ: އައްޑޫލައިވް

މި ލިއުންތައް ހުށަހެޅުން މައްސަލައެއް ނޫނެވެ. ނަމަވެސް އައްޑޫގައި އުޅޭނެ ތަންކޮޅެއް ނެތިގެން ރަށުން ބޭރުގައި އުޅޭ މީހުންނާއި ރާއްޖޭއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނާއި އަދި އެނޫނަސް ވަޒީފާގެ ގޮތުގައި ރަށުން ބޭރުގައި ތިބި ފަރާތްތަކަށް ފޯމު ލުމަށްވީ ތުރާލަކަށެވެ. އޮންލައިންކޮށް ފޯމު ހުށަހެޅި ނަމަވެސް 7 ދުވަސް ތެރޭ ލިއުންތަކުގެ އަސްލު ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. އެ ނޫނީ ފޯމު ބާތިލު ވެއެވެ. މިއޮތް ފަހި ޒަމާނުގައި މިކަންވެސް އެންމެންނަށް ފަސޭހަވާނޭ ގޮތަކަށް ކައުންސިލަށް ނުހެދުނެވެ.

ބައެއް މަސްދަރުތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ގޮތަށް ކައުންސިލުން ފޯމު ބަލައިގަތުން ހަމަޖެއްސީވެސް ފޯމު ލާ މީހުން މަދު ކުރުމަށެވެ. އަދި ބައެއް ކައުންސިލަރުން ބޭނުންވަނީވެސް އެގޮތަށް ކަމަށް އައްޑޫލައިވްއަށް ވަނީ ޔަޤީން ކުރެވިފައެވެ. މިފަދަ ކަމެއްގައި އިޚްލާސްތެރިކަން ނެތުމަކީ ރައްޔިތުން ހޮވާފައި ތިބި މަނދޫބުންނަށްވެ ތިބެ އެ ފަރާތައް ހަރާންކޯރުވުން ނޫން ކޮންކަމެއް ހެއްޔެވެ.

މިވަރުންވެސް އައްޑޫގެ ރައްޔިތުން ހިތް ބުރަކަމެއް ނެތި ފޯމުތައް ލައިފިއެވެ. 1000 ގޯއްޗަށް 4000 މީހުން ފޯމުލިއެވެ. އިންތިޒާމު މިއަށް ވުރެ ފަސޭހަވާނޭ ގޮތަކަށް އޮތް ނަމަ އަސްލުވެސް ގެދޮރު ބޭނުންވާ މީހުން މިއަށް ވުރެ އެތަކެއް ތަނުން ގިނަ ވާނޭ ކަމީ ޔަޤީން ކަމެކެވެ. އެހެނަސް ކައުންސިލުން ބިންތައް ދޫކުރަން ފަސްޖެހޭ އުސޫލަކަށް ކަންކުރުމުން މިވަރުވެސް ވީކަން ދެރައެއް ނޫންތާއެވެ.