Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

އައްޑޫގައި ގަވާއިދުން ކުނި ނުނަގާކަމުގެ ޝަކުވާ!

ވެމްކޯ އިން އައްޑޫ އަށް އަލަށް ގެނައި ވެހިކަލްތައް. އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

އައްޑޫގެ ގެ އަވަށްތަކުން ވެމްކޯ އިން ޤަވާއިދުން ކުނި ނުނަގާކަމުގެ ޝަކުވާތައް އިތުރުވެއްޖެ އެވެ.

މިޝަކުވާތައް އެކި މީހުން ކުރަނީ އެކި ދިމާލުގައެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި އާންމުކޮށް ހިއްސާކޮށްފައިވާ އިރު، ބައެއް ފަރާތްތަކުން ވެމްކޯގެ ހޮޓްލައިނަށް އެތަކެއް ފަހަރަކު ގުޅައިގެން މި ޝަކުވާތައް ކޮށްފިއެވެ. މިމައްސަލާގައި އައްޑޫ ލައިވް އާ ވާހަކަ ދެއްކި ހިތަދޫ އަށް ނިސްބަތްވާ ފަރާތަކުން ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުވެސް ހަމައަށް ކުނި ނުނަގާ ކަމަށެވެ. ނަމަވެސް ޤަވާއިދު ބިލު ދައްކާކަމަށް އޭނާ ހާމަކުރި އެވެ.

ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓް ކުރި މީހަކު ބުނި ގޮތުގައި މިދިޔަ ހަފްތާގައި އެއް ދުވަހު ކުނި ނަގަން އައި ގޮތަށް އެފަހުން އެއް ދުވަހުވެސް ކުނި ނަގަން ނާދެއެވެ. ހަމަ އެ ޕޯސްޓަށް ކޮމެންޓް ކުރި އެހެން މީހަކު ބުނިއެވެ. މިދިޔަ ފެބްރުއަރީ މަހުވެސް އެއް ދުވަހުވެސް ކުނި ނުނަގައިގެން ހޮޓްލައިނަށް ގުޅައިގެން ހަބަރެއް ނުވުމުން އެންމެ ފަހުން ވެމްކޯ އޮފީހަށް ގޮސް މައްސަ ޖައްސައިގެން ކުނި ނަގަން އައި އެންމެ ދުވަހަކު ކަމަށެވެ.

މިމައްސަލާގައި އެނާގެ އުދާސްތައް ބޭރު ކުރި ބުނި ގޮތުގައި ކުނި މުޅި މަހު އެންމެ ދުވަހަކު ނެގިޔަސް 100ރ. ދައްކަން މެސެޖް އަންނަ ކަމަށެވެ. އަދި ބިލުން ނާންނަ ދުވަހަށް އެއްވެސް އެއްޗެށް މަދު ނުވާ ކަމަށެވެ. އޭނާގެ މައްސަލައަކީ ނުލިބޭ ޚިދުމަތަކަށް ލާރި ދައްކަން ޖެހުމެވެ.

އައްޑޫގެ މަގުތަށް ހެދުމުގެ މަސައްކަތް ފެށިފަހުން ބައެއް ގެތަކުން ކުނި ނެގުމަށް ވެހިކަލް އެ މަގުތަކަށް ނުވަދެވި ކުނި ނުނަގާ ބައެއް ދުވަސް ތަކުގައި ގޮސްފައިވާ ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެއެވެ. އަދި ބައެއް ފަހަރު މަގުގެ ކަންމައްޗަށް ފަސޭހަ ވާނެހެން ކުނި ނެރެން ބުނެގެން ނެރެފައި ހުންނަތާވެސް އެއްދުވަސް ދެދުވަސްވާއިރު ބައެއް ފަހަރު ނަގަން ނާދެއެވެ. މިހެން ވުމުން މަގުތައް ބޭނުން ކުރާ މީހުންނަށް އެކަމުގެ ދަތިކަން އިހުސާސް ކުރެވެއެވެ.

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. މިމަހަށް ގޭތެރެ ސާފުކޮށް އެތައް ބައިވަރު ކުނިއެއް އުކާލުމަށް ނެރެއެވެ. މިހެން ކަމުން ކުނި ޤަވާއިދުން ނުނެގުމުގެ ސަބަބުން ގޯތިތެރޭ ކުނި ގިނަވެ އެކަމުގެ ސަބަބުން ބަލިމަޑު ކަމެއް ކުރިމަތިވެދާނެ ކަމަށް ބައެއް ފަރާތްތަކުން ޝަކުވާ ކުރެއެވެ.

ކުނި ނުނެގީ ވެމްކޯ ވެހިކަލްތައް ގްރައުންޑުވުމުން

ވެމްކޯ މެނޭޖަރ ސައުތު ރީޖަން މެނޭޖަރ ޝާފިއު ޖަމީލް / ފޮޓޯ: އައްޑޫލައިވް

މިމައްސަލާގައި އައްޑޫލައިވްއިން ސުވާލު ކުރުމުން ވެމްކޯ ސައުތު ރީޖަނަލް އޮފީހުގެ މެނޭޖަރ ޝާފިއު ވިދާޅުވީ، މި ދޭތެރޭ ކުނި ނުނެގި ލޯޑު ބޮޑުވެގެން ދިޔަ ކަމަށެވެ. އޭނާ ބުނި ގޮތުގައި މިމައްސަލަ ދިމާވީ ވެމްކޯގައި ބޭނުން ކުރަމުންދިޔަ ހުރިހާ ވެހިކަލެއް ހެން ގްރައުންޑު ވުމުގެ ސަބަބުންނެވެ. އައްޑޫގެ ގުޅިފައިވާ ރައްތަކުގައި ކުނި ނެގުމަށް ވެމްކޯއިން ބޭނުން ކުރަނީ 4 ކޮމްޕެކްޓަރ އަދި 3 ޑަމްޕަރ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދޭތެރޭ 4 އެތި އެއްކޮށް އެކި މައްސަލަ ދިމާވެގެން ހުރީ ގްރައުންޑްވި. މިހާރު އެންމެ އެއްޗެއް ފިޔަވާ ހުރިހާ އުޅަނދެއް އަލުން އޮޕަރޭޝަނަށް ވަނީ ގެނެވިފަ. ކުރިއަށް އޮތް ދެދުވަސް ތެރޭ އެވެސް ނިކުންނާނެ. އެހައި ހިސާބުން ބެކް ޓު ނޯމަލް އޮޕަރޭޝަން ކުރިއަށް ގެންދޭވެނެ" ޝާފިއު ވިދާޅުވި އެވެ.

މީގެ އިތުރަށް ރޯދަމަހާއި ދިމާކޮށް ކެޕްސް ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި މިހާރުވެސް ބައެއް ގެތަކުން އާންމުކޮށް ދޭ ޚިދުމަތާއި އެއްކޮށް ބޮޑު ކުނި ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އައްޑޫގައި ވެމްކޯ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ކޮމްޕެކްޓަރުތައް ގްރައުންޑުވެގެން ޚިދުމަތަށް ބުރުއެރިއިރު، ގިނަ ބައެއް ޝަކުވާތައް ކުރަން ޖެހުނީ މާލޭގެ އޮފީހަށެވެ. މިހެންވުމުން އެދެވޭ ޖަވާބެއް ނުލިބި ދާ ފަހަރު ދެއެވެ. މިފަދަ މައްސަލަތައް ހައްލުވެ ވެމްކޯވެސް ލާމަރުކަޒު ވުމަކީ ރައްޔިތުންގެ އެދުމެކެވެ.