މިދިޔަ މަހު އަވަހާރަވި ކ. ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ރިޒާގެ ހަނދާނުގައި ރޯދަ މަހު ޤުރުއާން މުބާރާތެއް ބާއްވަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ގުރައިދޫ ކައުންސިލުން ވަނީ "އުސްތާޒު ރިޒާގެ ހަނދާނީ ޤުރުއާން މުބާރާތް 1444" ނަމުގައި ބާއްވާ މުބާރާތުގައި ބައިވެރިވާން ވެސް މިހާރު ހުޅުވާލައިފަ އެވެ. މުބާރާތަށް އެޕްލައިކުރުމުގެ އެންމެ ފަހު ސުންގަޑި އަކީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. މި މުބާރާތް 10 އުމުރު ފުރާއަކަށް ހުޅުވާލައިގެން ބާއްވާ އިރު، މުބާރާތް ކުރިއަށް ގެންދާނީ ބަލައިގެންނާއ ނުބަލައި ކިޔެވުމުގެ ބައި ހިމެނޭ ގޮތަށެވެ.
މުބާރާތުގައި ބައިވެރިވެވޭނީ ގުރައިދޫގެ ރަށްވެހިންނަށާއި އެ ރަށަށް ރަޖިސްޓްރީވެފައި ނެތަސް މަންމަ ނުވަތަ ބައްޕަ ގުރައިދު އަށް ރަޖިސްޓްރީވެފައިވާ މީހުންނަށާއި ގުރައިދު އަށް ރަޖިސްޓްރީވެފައި ނެތަސް އެ ރަށު ސްކޫލްގައި ކިޔަވާ ދަރިވަރުންނަށެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23 ގަ އެވެ. އޭނަ ވަނީ ގުރައިދޫ ދާއިރާގެ މެމްބަރުކަން 14 އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފަ އެވެ.
ރިޒާ އަވަހާރަވުމާ ގުޅިގެން ގުރައިދޫ ދާއިރާ އަށް މެމްބަރަކު ހޮވަން އަންނަ މަހުގެ 15 ގައި ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފަ އެވެ.