Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެމެރިކާއާ ގުޅިގެން ޕްލާސްޓިކާ ދެކޮޅަށް މަޝްރޫއެެއް

ރާއްޖޭގައި ޕްލާސްޓިކް މަދުކުރަން އެމެރިކާއާ ގުޅިގެން ބޮޑު މަޝްރޫއެއް އިއްޔެ ފަށައިފި ފަށައިފިއެވެ.

އިއްޔެ ހަވީރު އާޓިފިޝަލް ބީޗްގައި ބޭއްވި އިވެންޓެއްގައި އެ މަޝްރޫއު ފައްޓަވައި ދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

މި މަޝްރޫއަކީ ޔުނައިޓަޑް ސްޓޭޓްސް މިޝަން ޓު މޯލްޑިވްސް އާއި ޔޫއެސް އެއިޑް/ސްރީ ލަންކާ އެންޑް މޯލްޑިވްސް މިޝަނާއި ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މީގެ މަގުސަދުތަކުގެ ތެރޭގައި ޕުލާސްޓިކުގެ އައު އުފެއްދުންތައް ބޭނުންކުރާ މިންވަރު މަދުކޮށް ކުނި މެނޭޖްކުރުން ތަރައްގީކޮށް އުކައުލެވޭ ޕުލާސްޓިކު ކުނި މަދުކުރުމަށް ސަމާލުކަންދީ ކުނި ނައްތާލުމުގެ މަސައްކަތް ހަރުދަނާކޮށް އަދި ރަށު ފެންވަރުގައި ކުނިމެނޭޖްކުރުމަށް އެކަށީގެންވާ ހައްލެއް ހޯދައި ދިނުން ހިމެނެ އެވެ.

މި މަޝްރޫއު 2027 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މީގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުއައްސަސާތައް ހެޔޮގޮތުގައި ކުނި މެނޭޖްކުރުމުގެ އުސޫލުތަކަށް އަހުލުވެރި ކުރުވައި، އުކައިލެވޭ ޕްލާސްޓިކްގެ މިންވަރު މަދުކޮށް، ޕްލާސްޓިކުން ތިމާވެށި ރައްކާތެރިކޮށް ދިނުމަށް ބާރު އަޅާނެ އެވެ.

ބަޖެޓެއްގެ ގޮތުގައި 5.7 މިލިއަން ޑޮލަރު ކަނޑައަޅާފައިވާ މަޝްރޫއުގެ ހަރަކާތްތައް ކަނޑައެޅުމުގައި ސަރުކާރާއި އެހީދޭ ޖަމާއަތްތަކުން ކާމިޔާބުކަމާ އެކީ ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައާއި ގައުމީ ފެންވަރުގައި ހިންގާފައިވާ ހަރަކާތްތަކާއި އައު އީޖާދީ ކަންކަމަށް ބަލާނެ އެވެ. އަދި މަސައްކަތްތައް ރަށުފެންވަރުގައި ހަރަކާތްތެރިވާ ޖަމާއަތްތަކާ އަމިއްލަ ފަރުދުންގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާނެ އެވެ.

ގައުމީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި އަދި ރަށުފެންވަރުގައި ބޭނުންކުރެވޭ ކުނި މެނޭޖްކުރުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ވެސް މި މަޝްރޫއުގެ ދަށުން ބާރުއަޅާނެ އެވެ.