Last Updated: July 27, 10:14
Saturday, July 27, 2024
ދުނިޔެ

ކަލަންޑަރަކާ ހެދި ދެ އަހަރަށް ޖަލަށް

ތައިލޭންޑްގެ ސީޔާސީ އެކްޓިވިސްޓަކު ރީނދޫ ކުލައިގެ އަސްދޫނިތަކެއް ދައްކުވައިދޭ ކަލަންޑަރުތަކެއް އުފައްދައި ވިއްކި މައްސަލަކާ ގުޅިގެން ދައުވާކޮށް، ދެ އަހަރަށް ޖަލައިފި އެވެ.

ނަމަވެސް ޖަލަށްލި އެކްޓިވިސްޓްގެ އެއްވެސް ވަނަވަރެއް ހާމައެއްނުކުރެ އެވެެ.

އޭނަގެ މައްޗަށް އުފުލީ ތައިލޭންޑްގެ ޝާހީ އާއިލާއަށާއި ރަސްގެފާނު މަހާ ވިޖަރްލޮންކޯން އަށް ކުޑައިމީސްކުރުމުގެ ދައުވާ އެވެ. ރީނދޫ ކުލައިގެ ރަބަރު އަސްދޫނި ތައިލޭންޑްގައި ރަމްޒުކޮށް ދެނީ ސަރުކާރާއި ޝާހީ އާއިލާއާ ދެކޮޅު ހަރަކާތުގައި ބޭނުންކުރާ އެއްޗެއްގެ ގޮތުގަ އެވެ. އެ ބޭނުންކޮށްގެން ތައިލޭންޑްގައި ވަރުގަދަ މުޒާހަރާތަކެއް ފެށީ 2020 ގަ އެވެ.

އެކަމާ ގުޅިގެން މިހާތަނަށް އެތައް ބަޔަކު ހައްޔަރުކޮށް ދައުވާ ވެސް ކޮށްފައިވެ އެވެ.

ތައިލޭންޑްގައި މީގެ ތިން އަހަރު ކުރިން ކުރި މުޒާހަރެއްގެ ތެރޭގައި އަންހެނަކު އެ ގައުމުގެ ރާނީ ހެދުން ތުރުކުރައްވާ ގޮތަށް ހެދުން އަޅައި ޝާހީ އާއިލާ އަށް ފުރައްސާރަކުރި ކަމަށް ބުނެ ކުރި ދައުވާއެއް ސާބިތުވެ، އޭނަ ވެސް ދެ އަހަރަށް ޖަލަށްލާން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުކުމްކޮށްފައިވެ އެވެ.