Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ފޭދޫގެ ޗަސްބިންތައް ހިއްކުން އަދިވެސް ނުނިމި

ފޭދޫގެ ޗަސްބިމަކަށް ވެލި އަޅަނީ. ފޮޓޯ/ ކައުންސިލް

އައްޑޫ ފޭދޫގެ ޗަސްބިންތައް ހިއްކުން މި ވަގުތަށް މަޑު ޖެހިފައި އޮތަސް ވަރަށް އަވަހަށް އެ މަސައްކަތް އަލުން ފަށައި ނިންމާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

މި މަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ގަ އެވެ. އޭރު ކައުންސިލްގެ މުނިސިޕަލްގެ ފަރާތުން ޗަސްބިން އެކުލެވޭ 14 ކޮއްޓަކަށް ވެލި އަޅައިގެން ހިއްކަން މަސައްކަތް ފެށިތާ ހަފުތާއެއްހާ ދުވަސް ފަހުން ވެހިކަލްތަކުގެ ދަތިކަމާ ހެދި މަސައްކަތް ހުއްޓުނެވެ. އޭގެ ފަހުން އަލުން މަސައްކަތް ކުރީ އާންމުކޮށް އިއުލާންކޮށްގެން އަމިއްލަ ބަޔަކާ ހަވާލުކޮށްގެންނެވެ.

ނަމަވެސް ކޮންޓްރެކްޓަރު މަސައްކަތް ނިންމާލި ފަހުން ވެސް ފޭދޫން ހިއްކަން ޖެހޭ އިތުރު ބިންތަކެއް ހުރުމާއި ކުރިން ހިއްކި ބިންތަކަށް ވެލި އެޅި މިންވަރު މަދުވުމުގެ ޝަކުވާތަކާ ހެދި އަލުން އެ މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ފޭދޫގެ 14 ޗަސްބިމެއް ހިއްކަން ހަތަރު މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ފަހުން މި މަސައްކަތުގެ ތެރެއަށް ހިތަދޫގެ ޗަސްބިންތަކެއް ވެސް ހިއްކުން އިތުރުވެ ދެ އަވަށުގެ މަސައްކަތަށް ޖުމްލަ 8 މިލިއަންް ރުފިޔާ ހޭދަކުރަން އޮތީ ނިންމައިފަ އެވެ. އެގޮތުން ފޭދު އާއި ހިތަދޫން ޖުމްލަ 24 ހެކްޓަރުގެ ޗަސްބިން ހިއްކަން ހަމަޖެހިފައިވެ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ހިތަދޫގެ މަސައްކަތް އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

ފޭދޫގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ގުޅޭ ގޮތުން އެ އަވަށު މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ ފޭދޫގެ މަސައްކަތް ހުއްޓިފައި އޮތީ ވެހިކަލްގެ ދަތިކަމާ ހެދި ކަމަށެވެ. އެކަމަކު ކުރިން މަސައްކަތް ކުރި އެގޮތަށް ޗަސްބިން ހިއްކުން އައުޓްސޯސްކޮށްގެން ކުރިއަށް ގެންދަން އިއުލާންކޮށް، ލިބުނު ހުށަހެޅުންތައް ވެސް ގާތްގަނޑަކަށް އިވެލުއޭޓްކޮށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ މާ ލަސްތަކެއް ނުވެ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރެވޭ. މިކަން ދިގުލައިގެންދާތީ މި ފަހަރު ވީހާ ވެސް އަވަހަކަށް މަސައްކަތް އެއްކޮށް ނިންމާލަން ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދޭނެ." އޭނާ ވިދާޅުވި އެވެ.

ސަލްމާ ވިދާޅުވި ގޮތުގައި އަލުން ފޭދޫގެ މަސައްކަތް ފަށާ އިރު، ރައްޔިތުންގެ ޝަކުވާތައް ނާންނަ ގޮތަށް މަސައްކަތްކޮށް ކުރުމަށް ވަރަށް ބޮޑަށް ބަލާނެ އެވެ.

"ކުރިން ބައެއް ތަންތަނަށް ވެލި އެޅި މިންވަރު މަދުވުމުގެ ޝަކުވާތަކެއް ލިބުނު. މި ފަހަރު މަސައްކަތް އެއްކޮށް ނިންމާލާ އިރު އެކަން ވެސް ހައްލުކޮށް ދެވޭނެ." އޭނާ ވިދާޅުވި އެވެ.