Last Updated: April 21, 15:52
Sunday, April 21, 2024
ޚަބަރު

ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަނީ

ކުނިއެޅުން މަނާކަން އަންގައިދޭ ބޯޑު ހަރުކޮށްފައިވާ ސަރަޙައްދަށް ކުނި އަޅާފައި

އަންނަ މަހުން ފެށިގެން ވެމްކޯ އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނަން އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ނުދައްކާ މައްސަލަ ކަމަށެވެ.

މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މިނިސްޓްރީން ވެމްކޯއާ އެކު ކުރި މަޝްވަރާތަކުން ފާހަގަކުރެވުނީ މިކަމަށް އެންމެ އެދެވޭ ހައްލެއް ލިބޭނީ ވެމްކޯ އިން ދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ބަރާބަރަށް ވެމްކޯ އަށް ލިބިގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މާލެ ސަރަޙައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 ގޭބިސީ އެބަހުރި ކަމަށާއި ނަމަވެސް ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 ގޭބިސީން ކަމަށް މިނިސްޓްރީން ބުނެ އެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްދިނުމަށާއި، އަދި ކުނި މެނޭޖްކުރުމަށް މި ގެނެވޭ ބޮޑެތި ބަދަލުތަކުގެ ޚަރަދު ބެލެހެއްޓޭނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތަކުންވެސް ވެމްކޯއަށް ފީ ދައްކައިގެން ކަމުގައިވާތީވެ، އެންމެ ފަސޭހައިން، ޚަރަދުކުޑަކޮށް މި ފީ ލިބިގަނެވޭނެ ގޮތަކީ ޢާންމު ބޭނުންތަކުގެ އެހެން ޚިދުމަތެއްގެ ބިލުގައި ހިމަނާއިގެން ފީ ކަލެކްޓްކުރުމެވެ." ބަޔާނުގައި ވެ އެވެ.

މިނިސްޓްރީން ބުނީ އަންނަ މަހުން އެއްވަނަ ދުވަހުން ފެށިގެން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ޚިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނައިގެން ނެގުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލާ ގުޅިގެން ސީދާ ވެމްކޯއިން މާލޭގައި ޚިދުމަތް ދެމުންގެންދާ ތަންތަނުން (ގޭ ބިސީތަކާއި ވިޔަފާރިތަކާއި، ކޯލް އެންޑް ޕިކަޕް ސާރވިސް) މިހާރުވެސް ނަގާފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.