Last Updated: April 25, 10:40
Thursday, April 25, 2024
ޚަބަރު

ކުމެވި؛ ކުދި/މެދުފަންތީގެ ވިޔަފާރި އަށް ހާއްސަ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން "ކުމެވި" ގެ ނަމުގައި މަޖައްލާއެއް އިފުތިތާހުކޮށްފި އެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ނެރޭ މި މަޖައްލާ އިފުތިތާހުކޮށްދެއްވީ އެސްއެމްއީ ހަބްގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނީޒާ އިމާދެވެ.

އެ ރަސްމިއްޔާތުގައި ނީޒާ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށް ސަރުކާރުން އިސް ނަގައިގެން ނެރޭ ފުރަތަމަ މަޖައްލާ ކަމަށެވެ. އަދި މަޖައްލާގެ ޒަރިިއްޔާއިން ރާއްޖޭގައި ހަރަކާތްތެރިވާ އެސްއެމްއީތަކުގެ މައުލޫމާތު އާންމުންނަށް އެނގިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މި ބުލެޓިން މެދުވެރިކޮށް ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅޭ މައުލޫމާތުތައް، އެންމެ ފަހުގެ މައުލޫމާތުތައް އަދި މި ދާއިރާގައި ހުރި ކުރިއެރުންތައް ރާއްޖޭގެ ކަންކޮޅުތަކަށް އަންގައި ދެވޭނެ،" ނީޒާ ވިދާޅުވި އެވެ. "މި އެސްއެމްއީ ބުލެޓިންއަކީ ވެސް އެސްއެމްއީއަށް އަމާޒުކޮށްގެން ބީސީސީގެ ފަރާތުން މެދުކެނޑުމެއްނެތި ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ.”

"ކުމެވި" ނެރޭނީ މަހަކު އެއް ފަހަރު އެވެ. މީގެ އެންމެ މުހިއްމު ބޭނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާކެޓް ހޯދައިދީ އާންމުންނަށް އެ ވިޔަފާރިތަކުގެ މައުލޫމާތު އަންގަދިނުމެވެ. އަދި ކާމިޔާބު ކުދި ވިޔަފާރިތަކުގެ މައުލޫމާތު ހިއްސާކޮށްދީ އެފަދަ ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނަށް ހިތްވަރުވެސް ދިނުމެވެ.

މަޖައްލާގައި ވިޔަފާރިއެއްގެ މައުލޫމާތު ހިމަނަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ބީސީސީން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ބީސީސީގެ ވެބްސައިޓާއި އީމެއިލް މެދުވެރިކޮށް ވެސް އެކަމަށް އެދެވޭނެ އެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގެ ހުރިހާ ކުދި ވިޔަފާރިތަކަކަށް ވެސް "ކުމެވި" މަޖައްލާގައި ވިޔަފާރީގެ މައުލޫމާތު ހިމެނުމުގެ ފުރުސަތު އޮންނާނެ އެވެ.