Last Updated: July 27, 09:39
Saturday, July 27, 2024
މުނިފޫހިފިލުވުން

ޕީކޭ އަށް ޝަކީރާ ފާޑުކީ ލަވަ އަށް 4 ރެކޯޑެއް

ކުރީގެ ބައިވެރިޔާ އަދި ސްޕެއިންގެ ފުޓްބޯޅަ ތަރިި ޖެރާޑް ޕީކޭ އަށް ފާޑު ކިޔައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ މިދިޔަ ޖެނުއަރީ މަހު އާންމުކުރި ލަވައަށް ހަތަރު ރެކޯޑެއް ލިބިއްޖެ އެވެ.

"ބީޒީީއާރްޕީ މިއުޒިިކް ސެޝަންސް ވޮލިއުމް #53" ގެ ނަމުގައި ޖެނުއަރީ މަހުގެ 12 ގައި ޔޫޓިއުބްގައި އާންމުކުރި ލަވަ ގިނިސް ވޯލްޑް ރެކޯޑުން މިހާރު ވަނީ ހަތަރު އެވޯޑެއް ކަށަވަރުކޮށްދީ، އެ ރެކޯޑްތަކުގެ ސެޓްފިކެޓް ވެސް ޝަކީރާ އާއި ލަވައިގެ ޕްރޮޑިއުސަރު ބިޒާރެޕް ނަމުން މަޝްހޫރު ޑީޖޭއާ ހަވާލުކޮށްފަ އެވެ.

ޝަކީރާ އާއި ޕީކޭގެ ގުޅުން މިދިޔަ އަހަރު ނިމުމަކަށް ގެނައި އިރު، އެ ދެ މީހުންނަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ. ދަރިންގެ ބައްޕަ އަށް ފާޑުކިޔައި ޝަކީރާ ނެރުނު "ބީޒީީއާރްޕީ މިއުޒިިކް ސެޝަންސް ވޮލިއުމް #53" ގައި އޭނަ ގޭގައި ނޫޅެނީސް ގެއިން އެހެން މީހުން ކާ ކަމަށާއި ދުވަހަކު ވެސް ދެން ޕީކޭއާ ގާތް ނުވާނެ ފަދަ ވާހަކަތައް ހިމެނެ އެވެ.

މި ލަވަ ޖެނުއަރީ 12 ގައި ރިލީޒްކުރުމާ އެކީ ވެސް އެތައް ބައެއްގެ ސަމާލުކަން ލިބި، ލަވަ ބޮޑު ހިޓަވެގެން ދިޔަ އެވެ.

ގިނިސް ވޯލްޑް ރެކޯޑުން ލަވަ އަށް ކަށަވަރުކޮށް ދިން ހަތަރު ރެކޯޑަކީ:

* ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ވިއުސް ލިބުނު ލެޓިން ޓްރެކްގެ ރެކޯޑް (63 މިލިއަން ވިއުސް)
* އެންމެ އަވަހަށް ޔޫޓިއުބްގައި 100 މިލިއަން ވިއުސް ލިބުނު ލެޓިން ޓްރެކްގެ ރެކޯޑް
* ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭގައި ސްޕޮޓިފައިގައި އެންމެ ގިނައިން ސްޓްރީމްކުރި ލެޓިން ލަވައިގެ ރެކޯޑް (14،393،342)
* ހަފުތާއެއްގެ ތެރޭގައި ސްޕޮޓިިފައިގައި އެންމެ ގިނައިން ސްޓްރީމްކުރި ލެޓިން ލަވައިގެ ރިކޯޑް (80،646،962)

ޝަކީރާއާ ވަކިވުމަށް ފަހު ޕީކޭ މިހާރު ރައްޓެހިވެގެން އުޅެނީ ކްލާރާ ޝިއާ މާޓީ ކިޔާ މީހަކާ އެވެ. އެ ގުޅުން ޕީކޭ އިންސްޓަގްރާމްގައި ރަސްމީކުރީ ޖެނުއަރީ މަހުގެ 26 ގަ އެވެ. ޕީކޭ އާއި ޝަކީރާގެ ގުޅުން ނިމުމަކަށް އައީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.