Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ޝީ އަށް ވެރިކަމުގެ ތިން ވަނަ ދައުރެއް

ޗައިނާގެ މިހާރުގެ ރައީސް ޝީ ޖިންޕިން އަށް ވެރިކަމުގެ ތިން ވަނަ ދައުރެއް ވެސް ކަށަވަރުވެއްޖެ އެވެ.

ސަރުކާރުން ބޭނުންވާހާ ގޮތަކަށް "ރަބަރު ސްޓޭމްޕް" ޖަހާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ވަނީ "ތަބަކަށް ލައިފައި" އަނެއްކާ ވެސް ޝީގެ ދައުރު ދިގުދަންމަން ވޯޓް ދީފަ އެވެ. އެ ވޯޓްގައި 2،592 ވޯޓް ލިބިވަޑައިގަތެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިކަން މިވީ ކުރިން ވެސް ހަމަ އުންމީދު ކުރެވިފައި އޮތް ގޮތަށެވެ.

ވެރިކަމުގެ ތިން ވަނަ ދައުރާ އެކީ ޝީ ވެވަޑައިގަންނަވާނީ ޗައިނާގެ ވެރިކަމުގައި އެންމެ ދިގު މުއްދަތަކަށް ހުންނަވާ ބޭފުޅާއަށެވެ. އުމުރުން މިހާރު 69 އަހަރުގެ ޝީ، ޗައިނާގެ ހަތް ވަނަ ރައީސްގެ ގޮތުގައި މަގާމަށް ވަޑައިގެންނެވީ 2013 ގަ އެވެ.

ޝީ އަކީ ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްޓަރީގެ އިތުރުން ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ) ގެ ޗެއާމަން ވެސް މެ އެވެ. އެ ދެ މަގާމަށް އޭނަ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެވެ.

ޝީ އަށް ވެރިކަމުގެ ތިން ވަނަ ދައުރެއް ކަށަވަރުކޮށް ދީފައިވާ އިރު، މިއަދު އެ ގައުމުގެ ބޮޑުވަޒީރަކަށް ވަނީ ލީ ގިއަންގް ކަނޑައަޅައިފަ އެވެ.