Last Updated: May 13, 11:01
Tuesday, May 13, 2025
ކުޅިވަރު

ބޯންމަތް އަތުން ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ބޯންމަތް އަތުން 1-0 އިން ލިވަޕޫލް ބަލިވެއްޖެ އެވެ.

މި މެޗުން މޮޅުވެގެން ލީގުގެ ހަތަރުވަނަ އަށް ލިވަޕޫލަށް މިއަދު އެރެން އޮތްއިރު މި ނަތީޖާއާ އެކު ލިވަޕޫލް އޮތީ 42 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ. ބޯންމަތް އޮތީ 24 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ. މިއީ 2016 ވަނަ އަހަރަށް ފަހު ބޯންމަތް އިން ލިވަޕޫލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.

ބޯންމަތްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބޯންމަތް އަށް މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލިޕް ބިލިން އެވެ. ބިލިން މި ގޯލު ކާމިޔާބު ކުރީ ލިވަޕޫލްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މިއީ ފަސް މެޗަށް ފަހު ލީގުގައި ލިވަޕޫލް ކޮޅަށް ވަތް ފުރަތަމަ ގޯލެވެ.

ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކޮށްލަން ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް މުހައްމަދު ސަލާހު ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ. މިއީ ބޯންމަތްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ލިވަޕޫލަށް ލިބުނު ޕެނަލްޓީއެކެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ކޯޑީ ގަކްޕޯ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

ލީގުގައި ލިވަޕޫލުން ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. އެ މެޗުގައި އެޓީމު ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ. އޭގެފަހުން ލިވަޕޫލް ކުޅޭ ދެ މެޗުގައި ބައްދަލުކުރާނީ ޗެލްސީ އަދި އާސެނަލްއާ އެވެ.