Last Updated: April 25, 10:47
Thursday, April 25, 2024
ކުޅިވަރު

ސިޓީން ފަރަގު ކުޑަކޮށްފި، ޗެލްސީ އަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސް އަތުން 1-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން، އެއް ވަނައިގައި އޮތް އާސެނަލް އާ ދެ ޕޮއިންޓަށް ގާތް ކޮށްފި އެވެ.

މި ނަތީޖާއާ އެކު ސިޓީ އޮތީ 27 މެޗުން ލިބުނު 61 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އާސެނަލް އޮތީ 26 ޕޮއިންޓާ އެކު ލިބުނު 63 ޕޮއިންޓާ އެކު އެވެ. ލީގުގައި މިރޭ ފުލަމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އާސެނަލަށް އަލުން ފަސް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ޖެހި ހަމައެކަނި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ އާލިން ހާލަންޑެވެ. މި ޕެނަލްޓީ ސިޓީ އަށް ލިބުނީ ޕެލެސްގެ އޮލީސީ ސިޓީގެ މިޑްފީލްޑަރު ގުންޑޮގާން އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މިއީ މި ސީޒަނުގައި ހާލަންޑް ކާމިޔާބު ކުރި 34 ވަނަ ގޯލެވެ.

މި ގޯލު ކާމިޔާބު ކުރުމުގެ ކުރިން ވެސް ސިޓީން ވަނީ ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ.

ލީގުގެ 10 ވަނައިގައި އޮތް ޗެލްސީ ރޭ މޮޅުވީ ރަށުން ބޭރުގައި ލެސްޓަ ސިޓީއާ ބައްދަލުކޮށް 3-1 އިންނެވެ. މިއީ މިދިޔަ އޮކްޓޫބަރު މަހަށް ފަހު ޗެލްސީން ރަށުން ބޭރުގައި ކުޅެ މޮޅުވި ފުރަތަމަ މެޗެވެ. މި މޮޅާއެކު ލީގުގެ 10 ވަނައިގައި ޗެލްސީ އޮތީ 37 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީންނެވެ. މި ގޯލު މެޗުގެ 11 ވަނަ މިނެޓްގައި ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ކުރިން ލެސްޓާ އަށް ކުޅުނު ބެން ޗިލްވެލް އެވެ. މެޗުގެ 39 ވަނަ މިނެޓްގައި ޕެޓްސަން ޑަކާ ލެސްޓާ އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ކައި ހަވެޓްޒް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޗެލްސީ އަށް އަލުން ލީޑު ނަގާދީފަ އެވެ. މި މެޗުން ޗެލްސީ އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަޓެއޯ ކޮވަސިޗް އެވެ.

މި މެޗުގެ 87 ވަނަ މިނެޓްގައި ޗެލްސީގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލެސްޓާގެ ޑިފެންޑަރު ވޫޓް ފޭސް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމުން ވަނީ ނޮޓިންހަމް ފޮރެސްޓް 3-1 އިން ބަލިކޮށް ލީގުގެ ހަތަރުވަނައިގައި ހަމަޖެހިލައިފަ އެވެ. އެވަޓަން އިން ބްރެންޓްފޯޑް އަތުން 1-0 އިން މޮޅުވި އިރު ލީޑްސް ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.