Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ހެރިޓޭޖް މިނިސްޓަރު ހދ. އަތޮޅުގައި

ދިވެހި ސަގާފަތާއި އާދަކާދަ ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ހދ. އަތޮޅަށް ވަޑައިގެންފި އެވެ.

މި ދަތުރުގައި މިނިސްޓަރު އެންމެ ފުރަތަމަ އިއްޔެ ވަޑައިގެންނެވީ ކުޅުދުއްފުށްޓަށެވެ. އެ ދަތުރުފުޅުގައި އެ ސިޓީގައި އަމިއްލަ ފަރާތަކުން "ރަށްވެހި އާސާރު"ގެ ނަމުގައި ހިންގާ މިއުޒިއަމަކަށް ޒިޔާރަތް ކުރައްވައި އެތަނުގައި ހުރި ތަކެތި ބައްލަވާލެއްވި އެވެ. އެތަނުގައި ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ތަކެތި ހުރި 170 އަށް ވުރެ ގިނަ އާސާރީ ތަކެތި ރައްކާކޮށްފައިވެ އެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި ވަނީ ހދ. އަތޮޅު ކައުންސިލް މެންބަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި ހދ. މަކުނުދޫ، ވައިކަރަދޫ، ނޮޅިވަރަންފަރު، ނޭކުރެންދޫ އަދި ނޮޅިވަރަމަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ރަށްތަކުގެ ކައުންސިލަރުންނާ ބައްދަލުކުރައްވާނެ އެވެ.