Last Updated: April 26, 18:07
Friday, April 26, 2024
ދުނިޔެ

މެޓަ އިން ޓްވިޓާ ކަހަލަ އެޕެއް ހަދަނީ

ފޭސްބުކާއި އިންސްޓަގްރާމް ހިންގަމުން އަންނަ މެޓަ އިން ޓްވިޓާ ކަހަލަ އެޕަކަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

މިކަން ކަށަވަރުކޮށް ދެމުން އެ ކުންފުނީގެ ތަރުޖަމާނު ބީބީސީ އަށް ވިދާޅުވީ ޓެކްސްޓިން އަށް ހާއްސަ "ޑީސެންޓްރަލައިޒް" އެޕަކަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭނަ ވިދާޅުވީ މި އެޕް ވާނީ ކްރިއޭޓަރުންނާއި އެ ނޫން ވެސް ނުފޫޒު ގަދަ މީސްމީހުންނަށް އެ މީހުންގެ ވާހަކަތައް ހިއްސާކުރަން ފަހިކޮށް ދެވޭ ވަރަށް ފުރިހަމަ އަދި ފަސޭހަ ޕްލެޓްފޯމަކަށެވެ.

ނަމަވެސް އެޕާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މެޓައިން ނުދެ އެވެ. އެހެންވެ އެޕް ލޯންޗްކުރާނެ އިރެއް ވެސް އަދި ސާފެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓްވިޓާ ކަހަލަ އެޕަކަށް މެޓައިން ސީރިއަސްކޮށް ވިސްނަން ފެށީ، މަހުޖަނު އީލޮން މަސްކް މިދިޔަ އަހަރު ޓްވިޓާ ބައްލަވައިގަތުމަށް ފަހު އެއަށް ގެންނަން ފެށި ބަދަލުތަކާ ގުޅިގެން، ޓްވިޓާ ބޭނުންކުރާ މީހުންގެ މެދުގައި އުފެދުނު ނުތަނަަވަސްކަމުން ފައިދާ ނެގުމުގެ މަގުސަދުގަ އެވެ.

އީލޮން ޓްވިޓާ ބައްލަވައިގަތް ފަހުން މަޝްހޫރު ބައެއް މީސްމީހުން އެ ބޭނުން ކުރުން ހުއްޓާލާފައިވެ އެވެ. އަދި ޓްވިޓާގައި އިޝްތިހާކުރުން ވެސް ބައެއް ވިޔަފާރިތަކުން ހުއްޓާލި އެވެ. ޓްވިޓާ އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ.

އެ އެންމެ ބޮޑަށް ބޭނުން ކުރާ މީހުންގެ ތެރޭގައި ސިޔާސީ ޝަހުސިއްޔަތުތަކާއި މަޝްހޫރު ސެލެބްރިޓީންގެ އިތުރުން ނުފޫޒު ގަދަ ވިޔަފާރިތައް ހިމެނެ އެވެ.

ޓްވިޓާ ކަހަލަ އެޕަކަށް މާކް ޒަކަބާގެ މެޓައިން މަސައްކަތްކުރާ އިރު، އޭގެ ދަށުން ހިންގާ އެޕްތަކުގެ ތެރޭގައި ވަޓްސްއެޕާއި މެސެންޖާ ވެސް ހިމެނެ އެވެ.