Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

އާސެނަލް ހުއްޓުމެއް ނެތި ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމް 3-0 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލް އިން ފަސް ޕޮއިންޓުގެ ލީޑެއް އަނެއްކާވެސް ދަމަހައްޓައިފި އެވެ.

ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 66 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 61 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި 50 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ހަތަރުވަނައިގައި ޓޮޓެންހަމް އޮތީ 48 ޕޮއިންޓާ އެކު އެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލް އިން ޖެހި ތިން ގޯލު ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފްގަ އެވެ. އެގޮތުން ފުރަތަމަ ގޯލު މެޗުގެ 21 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓް ފަހުން ގެބްރިއަލް މާޓިނެއްލީ ވަނީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް އާސެނަލް އަށް ލިބިފައިވެ އެވެ. މި މެޗުން އާސެނަލް މޮޅުވި އިރު ދެވަނަ ހާފްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި އާސެނަލްގެ ފޯވާޑް ގެބްރިއަލް ޖީސެސް ވަނީ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައިސްފަ އެވެ.

މިއީ ލީގުގައި އާސެނަލް އިން ޖެހިޖެހިގެން ހޯދި ފަސްވަނަ މޮޅެވެ.

ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 34 ވަނަ މިނެޓްގައި ކަސެމީރޯ އަށް ދެއްކި ރަތްކާޑާ ގުޅިގެން މެޗުގެ ބޮޑުބައި ޔުނައިޓެޑުން ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ކަސެމީރޯ އަށް ރަތްކާޑު ދެއްކީ ސައުތެމްޓަންގެ ފޯވާޑް އަލް ކަރާޒަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން ސައުތެމްޓަންގެ ތިއޯ ވޮލްކޮޓް ފޮނުވާލި ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ދިފާއު ކުރިއިރު އެޓީމުގެ ވޯޑް ޕްރޯސް އަދި ވޯކަ ޕީޓާސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ފޮނުވާލި ހަމަލާއެއް ވެސް ގޯލުގެ ދަނޑި އަށް އަމާޒުވެފައިވެ އެވެ.