Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ލަންކާގެ ޓޫރިޒަމް މިނިސްޓަރު މައާފަށް އެދިއްޖެ

ރާއްޖެއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ސްރީލަންކާގެ ޓޫރިޒަމާ ބެހޭ ވަޒީރު ހަރިން ފެނާންޑޯ އެދިވަޑައިގެންފި އެވެ.

ޖަރުމަނުވިލާތުގައި ކުރިއަށްދިޔަ އައިޓީބީ ބާލިން ފެއާގައި ލަންކާގައި ހުރި ޓޫރިޒަމްގެ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ހަރިން ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ ބީޗުތަކުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ކަމަށާއި ފަސް ވަރަކަށް ދުވަހު ބީޗެއްގައި ހޭދަކުރަން ޖެހުމުން ބީޗު މަތިން ވެސް ފޫހިވާނެ ކަމަށެވެ.

ރާއްޖެއާ ހިލާފަށް ލަންކާގައި ބީޗުގެ އިތުރުން ވެސް ފަތުރުވެރިން ފޫހިނުވާނެ ފަދަ ތަފާތު ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހަރިން ވިދާޅުވި އެވެ.

ހަރިންގެ އެ ވާހަކަތަކާ ގުޅިގެން ލަންކާ ރައްޔިތުންގެ ފާޑުކިޔުން ވެސް އޭނާ އަށް އަމާޒުވިއިރު އޭނާ މިއަދު ވިދާޅުވީ ރާއްޖެއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދަނީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ކަމަށެވެ. އަދި ޓޫރިޒަމްގެ ކަންކަމާ ގުޅޭގޮތުން ރާއްޖެއާ ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި މިކަމާ ގުޅިގެން ހިތްހަމަނުޖެހުންތަކެއް އުފެދުނު ނަމަ އެކަމަށް މައާފަށް އެދޭ ކަމަށް ހަރިން ވިދާޅުވި އެވެ.

ހަރިންގެ އެ ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ވަނީ އޭނާ އަށް ރައްދު ދީފަ އެވެ.

މައުސޫމް ވިދާޅުވީ ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ ދުނިޔޭގެ ލީޑިން ޓޫރިސްޓް ޑެސްޓިނޭޝަންގެ ލަގަބު 2020، 2021، އަދި 2022ގައި ހޯދާފައިވާ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ "ބެންޗްމާކް" ކަމަށެވެ. އަދި މި ކަންކަމާ މެދު ހަސަދަވެރިވެ ޝައްކު އުފެދޭ ނަމަ ލޯގަނޑާ ސުވާލުކުރުން މާ ރަނގަޅު ވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މި އަހަރަށް ރާއްޖެއިން އަމާޒުހިފާފައި ވަނީ، 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.