Last Updated: April 16, 09:59
Tuesday, April 16, 2024
ޚަބަރު

ވެލިދޫ މިސްކިތްތަކަށް ޕްލާސްޓިކް ފުޅި މަނާ!

ވެލިދޫގެ މިސްކިތެއް: ރޯދަ މަހުން ފެށިގެން މިސްކިތްތަކަށް ޕްލާސްޓިކް ފުޅި ވެއްދުން މަނާވާނެ.

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ނ. ވެލިދޫގެ މިސްކިތްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން މަނާކޮށްފި އެވެ.

ވެލިދޫ ކައުންސިލް އިދާރާ އިން ބުނީ މިއީ އިސްރާފު މަދުކޮށް، އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކް މަދުކުރުމަށްޓަކައި ރޯދަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަަމަލުކުރަން ފަށާ އުސޫލެއް ކަމަށެވެ. އެގޮތުން މި މަހުގެ 23 ގައި މި އަހަރުގެ ރޯދަ މަސް ފެށޭ އިރު، އެ ދުވަހުން ފެށިގެން ވެލިދޫގެ މިސްކިތްތަކަށް ޕްލާސްޓިކް ފުޅި ވެއްދުން މަނާވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ރޯދަ މަހުގެ ރޯދަ ވީއްލާ ވަގުތަށް ރާއްޖޭގެ ވަރަށް ގިނަ މިސްކިތްތަކަށް ޕްލާސްޓިކް ފުޅީގައި ފެނާއި ޖޫސް ފަދަ ތަކެތި ޖަމާކުރެ އެވެ. އަދި ތަރާވިސް ނަމާދު ގަޑިއާ ވެސް ދިމާކޮށް ފްލާސްޓިކް ފެންފުޅި ބައެއް މިސްކިތްތަކަށް ޖަމާކުރެ އެވެ. އެހެންވެ ވެލިދޫ ކައުންސިލުން ނިންމި އުސޫލަކީ އެކަން ހުއްޓުވަން ނިންމި ނިންމުމެކެވެ.

ކައުންސިލުން ބުނީ ރަށުގެ ހުރިހާ މިސްކިތެއްގައި ވެސް މިނެރަލް ފެން ލިބޭނެ އިންތިޒާމް ހަމަޖައްސައި ފެން ކޫލަރު ބަހައްޓާފައި ހުންނާނެ ކަމަށެވެ. އެހެންވެ މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި ފެން ބޭނުން ކުރާ ނަމަ ފެން ރިފިލްކޮށްގެން ބޭނުން ކުރުމަށްޓަކައި ބިއްލޫރި ނުވަތަ އެލްމިނިއަމް ފުޅިއެއް ގެންދަން ކައުންސިލުން އެދިފައިވެ އެވެ. އަދި މިސްކިތްތަކަށް ފެން ހަދިޔާކުރާ ފަރާތްތަކުން ވެސް 5 ލީޓަރުގެ ފެންފުޅި ހަދިޔާކުރަން ކައުންސިލުން އެދިފައިވެ އެވެ.

"އެއްފަހަރު ބޭނުންކޮށް އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމަށްޓަކައި އާންމު ދިރިއުޅުމުގައި އުޅުއްވާ އިރު ވެސް ބިއްލޫރި ނުވަތަ އެލްމިނިއަމް ފުޅި ރިފިލްކޮށްގެން ފެން ބުއިމަށް ބޭނުންކުރުމުގެ އާދަ ގެންގުޅުއްވުމަށް އިލްތިމާސްކުރަމެވެ." ވެލިދޫ ކައުންސިލުން ބުންޏެވެ.

ތިމާވެށީގެ މައްސަލަތައް ގިނަ ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ އަކީ ޕްލާސްޓިކް ކުނީގެ މައްސަލަ އެވެ. އެހެންވެ މިކަމަށް ހައްލެއް ހޯދަން ސަރުކާރުން އަންނަނީ އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ.