Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ޞިއްޙީ ދުޅަހެޔޮކަމާ ނުލާ ތަރައްޤީ ނުލިބޭނެ: ރައީސް

ޞިއްޙީ ދުޅަހެޔޮކަމާ ނުލައި ތަރައްޤީ ޙާޞިލު ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ އަލިމަސް ޔޫބީލް ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިޤްތިޞާދީ ގޮތުން ވިޔަސް އަދި އިޖްތިމާޢީ ގޮތުން ވިޔަސް ތަރައްޤީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ލިބިގެން ކަމަށެވެ. ޞިއްޙީ ދުޅަހެޔޮކަން ގިނަ ބަޔަކަށް މާނަކުރެވިފައި އޮންނަނީ، ހަމައެކަނި ޖިސްމާނީ ހަށިހެޔޮކަމުގެ ގޮތުގައި ކަމަށާއި ނަމަވެސް، ޞިއްޙީ ދުޅަހެޔޮކަމުގެ ދާއިރާ އެއަށްވުރެ މާ ފުޅާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ނަފްސާނީ ދުޅަހެޔޮކަމަކީ، އޭގެ ތެރެއިން ވެސް ވަރަށް މުހިންމު ދާއިރާ ކަމަށާއި ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ޚާއްޞަ މަރުކަޒެއް ޤާއިމުވެގެން ދިޔައީ 2019 ވަނަ އަހަރުގެ ކުރީކޮޅު ކަމަށްވާއިރު 2020 ވަނަ އަހަރުގެ ތެރޭގައި، ސްޓްރޯކް ސެންޓަރެއް ޤާއިމުކޮށް މިހާރު ހިދުމަތް ދެމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

"ޞިއްޙީ ދާއިރާއިން ރާއްޖޭގައި ކުރިން ނެތް އެތައް ޚިދުމަތެއް އަޅުގަނޑުމެން މިހާރު ފަށައިފިން. ތްރީޓެސްލާ އެމްއާރްއައިގެ ޚިދުމަތް 2019 ވަނަ އަހަރު ފެށިއްޖެ. ޕްލާސްޓިކް ސާރޖަރީ އާއި، އެންޑޯކްރައިނޮލޮޖީގެ އިތުރުން، ނިއުރޯ ސާރޖަރީ އާއި، ރިއުމެޓަލޮޖީގެ ޚިދުމަތް ވެސް 2022 ވަނަ އަހަރު އައިޖީއެމްއެޗްގައި ފެށިއްޖެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޞިއްޙީ ދާއިރާ މިހާރު އޮތީ މުޅިން އާ މަރުޙަލާއެއްގެ ތެރޭގަ އެވެ. ޞިއްޙީ ޚިދުމަތުގެ މުޅިން އާ ފަރުވާތަކާއި ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކޮށް، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް، ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫޢުތައް ހިނގަމުން ދިޔަޔަސް، ރައްޔިތުންގެ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުރި ކަމަށާއި މި ދާއިރާ އިތުރަށް ތަރައްޤީކުރަން ރައްޔިތުން އަބަދުވެސް އެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ އެ ބޭނުން ފުއްދައިދޭން. މި އަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް. އަޅުގަނޑު ރިޔާސީ ބަޔާނުގައި ހާމަކުރި ފަދައިން، މި އަހަރުގެ މޭ މަހުން ފެށިގެން ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އިރާދަކުރެއްވިއްޔާ ބޮޑުވެގެންދާނެ. އަދި ހަމައެފަދައިން، މިދާއިރާއަށް ފަންނީ މީހުން އިތުރު ކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް އެބަދޭ." ރައީސް ވިދާޅުވި އެވެ.

މި ހަފްލާގައި ރައީސް ވަނީ 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި 8 ބޭފުޅުންނަށް ހަނދާނީ ލިއުމާއި ފިލާ ހަވާލުކޮށްދެއްވާފަ އެވެ.