Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ރައްޔިތުންގެ މަޖިލިސް: "ސަރުކާރު ބިލުތައް" އެކަނި ބަލައިގަންނަ ތަނަކަށް ވެއްޖެ!

ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަކީ އަނެއް ދެބާރު ދަތުރުކުރަންވީ މިސްރާބުގެ ނާރެސް ކަނޑައަޅައިދޭ ބާރެކެވެ. ޗެކް އެންޑް ބެލެންސް ގާއިމު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށްވެސް މުހިންމެވެ. ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މަޖިލީހަކީ އެ ގައުމެއްގެ ސިޔާސީ ހުރިހާ މަސައްކަތްތަކެއް ބިނާވާ ތަނަށް ވާއިރު އެތަނެއްގައި ވާދަވެރި ސިޔާސީ ހަރަކާތް ކުރިއެރުވުމުގެ އިތުރުން ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ބަހުސްކުރެވި ވާހަކަ ދެކެވި މަޝްވަރާ ކުރެވޭ މަންޒަރު ރައްޔިތުންނަށް ފެނުމަކީ މުހިންމު ކަމެކެވެ.

ރާއްޖޭގެ މިފަހުގެ ތާރީހުގައި ރައްޔިތުންގެ މަޖިލީހެއް ޑިމޮކްރަސީއާ އެންމެ ބީރައްޓެހިކޮށް ފެނުނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އޮތް ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލިސް ވެގެން ދިޔައީ ސަރުކާރަށް ސަނާކިޔާ, ސަރުކާރުން އެކަނި ފޮނުވާ އެއްޗެހީގައި ރަބަރު ސްޓޭމްޕް ޖަހާ ތަނަކަށެވެ. ސަރުކާރުގެ މެންބަރުން ފިޔަވާ އިތުރު މެންބަރުން ހުށަހަޅާ އެއްޗިއްސަށް ބަހުސް ކުރުމެއް ވާހަކަދެއްކުމެއް ނެތި ބޭރުކުރާ މަޖިލީހަށް އެމަޖިލިސް ވިއެވެ. ނަތީޖާއަކަށްވީ އެ މަޖިލީހުގައި އޭރު ސަރުކާރަށް ސަނާކިޔާފައި އުޅުނު މެންބަރުންގެ ތެރެއިން މެޖޯރިޓީ މެންބަރުން ޖެހިގެން އައި އިންތިހާބުގައި ބަލިވުމެވެ. ރައްޔިތުން އެ މެންބަރުން ބަލައެއް ނުގަތެވެ.

އާ މަޖިލީހަކަށް މުޅިން އާ މެންބަރުންތަކަކަށް މެޖޯރިޓީދީ, އެމްޑީޕީއަށް ސުޕަ މެޖޯރިޓީއެއް ރައްޔިތުން ދިނީ ކުރީގެ މަޖިލީހުގައި ކަންކުރި ގޮތް ތަކުރާރު ނުކުރުމަށެވެ. އެހެންނަމަވެސް މަންޒަރު ބަދަލުވެ މިހާރު ފެންނަނީ, ކުރީގެ "ޕީޕީއެމް މެޖޯރިޓީން" ކަންކުރިގޮތާ ގާތްގަނޑަކަށް ހަމަ އެއްގޮތަކަށް ކަންކުރާ މަންޒަރެވެ.

މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކާއި ކުއްލި މައްސަލަތައް މަޖިލީހުގެ "ސަރުކާރު މެންބަރުން"ނަށް މިހާރު ވެފައިވަނީ ޖެއްސުމަށް ކުރާ ކަންކަމަށެވެ. އެކަންކަމަކީ ސަރުކާރާ ދެކޮޅަށް ހިންގޭ ކަންކަމަށް ވެއްޖެއެވެ. އެގޮތަށް ކަންކަން ހުށަހަޅާ މަޖިލީހުގައި ވާހަކަ ދެއްކުމަކީ ބޭކާރު މަސައްކަތެއް ކަމަށާއި އެވާހަކަތައް ދެއްކުމަކީ ބޭކާރު ކަމެއްކަމަށް ބައެއް މެންބަރުން ސިފަކުރެއެވެ. އެ މެންބަރުން ދެކޭގޮތުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނަ މައްސަލަތައް މަޖިލީހަށް ހުށަހަޅައިގެން ހާސިލުކުރެވޭނެ ކަމެއް ނެތެވެ. ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހަށް ކުރެވޭނެ ކަމެއްނެތް ކަމަށް ބުނާ ކަހަލައެވެ.

ރައްޔިތުންގެ މަޖިލީހަށް މިފަހުން އެތައް މައްސަލައެއްގައި ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހެޅުނުއިރު "ސަރުކާރު މެންބަރުން"ގެ ފަރާތުން މުޅިންވެސް އިވުނީ މިފަދަ ވާހަކަތަކެކެވެ. އެ މައްސަލަތައް ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލަނީ ރައްޔިތުން ދިން "ސުޕަ މެޖޯރިޓީ" ބޭނުންކޮށްގެނެވެ. އެކަމަށް ދައްކާ ބަހަނާއަކީ "ސަރުކާރު ދިފާއުކުރުމެވެ". އެ މެންބަރުން މަޖިލީހުގައި ހަމައެކަނި ކުރާ މަސައްކަތަކީ "ސަރުކާރުގެ ފަރާތުން" ބިލު ހުށަހެޅުމާއި "ސަރުކާރުގެ ބިލުތައް" ފާސްކުރުމެވެ.

މަޖިލީހަށް ހުށަހެޅޭ ކަންކަން ބޭކާރުކަމަށް ދެކޭ މެންބަރުންގެ ސަމާލުކަމަށް ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. ޤާނޫނުއަސާސީ ދަންނަގޮތުން, ވެރިކަން ހިނގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ވާޖިބެކެވެ. އަދި އެކަންކަން ކުރުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުމަކީވެސް މަޖިލީހުގެ ބާރެކެވެ. ސަރުކާރުގެ ދިފާއުގައި "ސުޕަ މެޖޯރިޓީ" ބޭނުންކޮށްގެން މިފަދަ ކަންކަމަށް ހުރަސް އެޅުމަށް ކުރެވޭ މަސައްކަތް ވާނީ ޤާނޫނުއަސާސީގެ ރޫހާ ހިލާފަށް ކުރެވޭ މަސައްކަތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނަނީ, މަޖިލީހުން ކަމަކާ ދޭތެރޭގައި ދެކޭގޮތް ހާމަކުރުމަށްޓަކައި މަޖިލީހަށް "ޤަރާރެއް" ހުށަހެޅިދާނެ ކަމަށެވެ. ހަމަ އެގަވައިދު ބުނަނީ, ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނިގެންވާ މުހިންމު ކަމެއް, "ކުއްލި މައްސަލައެއްގެ" ގޮތުގައި, މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ކަމަށެވެ. މީގެއިތުރުން ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނިގެންވާ ކަމަމާމެދު ރައްޔިތުންގެ މަޖިލީހުގައި މަހުސްކުރުމަށްޓަކައި "މައްސަލައެއްގެ" ގޮތުގައި އެކަން މަޖިލީހަށް ހުށަހެޅިދާނެކަމަށެވެ.

މިކަންކަމަކީ ކަޅާ ހުދުން ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދުގައި ލިޔެފައިހުރި ކަންކަމެވެ. މިވާހަކަތައް މިގޮތަށް ލިޔެފައިހުރީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރެވޭނެކަން ކަށަވަރުކޮށްދިނުމަށެވެ. މިކަން މިގޮތަށް ކުރުމަށް އިންކާރުކުރާނަމަ, ތަފާތުވާނެކަމަށް ބުނެ ކެމްޕޭނުކޮށްގެން 2019 ގައި އިންތިޚާބުވި "ސުޕަ މެޖޯރިޓީ" އާމެދު ރައްޔިތުން ވަރަށް ތަފާތުކޮށް 2024 ގައި ގޮތް ނިންމާނެއެވެ.