Last Updated: April 19, 06:56
Friday, April 19, 2024
ކުޅިވަރު

ހާލަންޑްގެ 5 ގޯލުން ސިޓީ ކުއާޓާ އަށް

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ސިޓީން ރެޑްބުލް ލީޕްޒިގް 7-0 އިން ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސިޓީ ކުއާޓާ އަށް ދަތުރުކުރީ 8-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ޖެހި ފުރަތަމަ ގޯލު މެޗުގެ 22 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އާލިން ހާލަންޑެވެ. މި ޕެނަލްޓީ ސިޓީ އަށް ލިބުނީ ލީޕްޒިގްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ. ފުރަތަމަ ގޯލު ކާމިޔާބު ކުރިތާ ދެ މިނެޓް ފަހުން ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ހާލަންޑެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ހެދި ފަސްވަނަ ހެޓްރިކެވެ.

ތިން ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ސިޓީން ނިންމާލި އިރު މެޗުގެ 49 ވަނަ މިނެޓްގައި އިލްކާއި ގުންޑޮގާން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ސިޓީގެ ފަސްވަނަ ގޯލު މެޗުގެ 53 ވަނަ މިނެޓްގައި ހާލަންޑް ކާމިޔާބުކޮށްދިން އިރު އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ހަވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ހާލަންޑެވެ. ސިޓީގެ ފަހު ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޭނާ އެވެ.

ރޭގެ މެޗުގައި ހާލަންޑް ކާމިޔާބު ކުރި ފަސް ގޯލާ އެކު އޭނާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގު މެޗެއްގައި ފަސް ގޯލު ކާމިޔާބުކުރި ދެވަނަ ކުޅުންތެރިޔާ އަށެވެ. ޗެމްޕިއަންސް ލީގު މެޗެއްގައި ފަސް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިއަކީ ލިއޮނަލް މެސީ އެވެ. މި ފަސް ގޯލާއެކު ހާލަންޑް މި ސީޒަނުގައި ޖެހި ގޯލުގެ އަދަދު ވަނީ 39 އަށް އަރާފަ އެވެ.

ކުއާޓާފައިނަލްގައި ސިޓީ ބައްދަލުކުރާނެ ޓީމެއް އެނގޭނީ ހުކުރު ދުވަހު ނަގާ ގުރުއަތުލުމުންނެވެ.