Last Updated: May 13, 09:36
Tuesday, May 13, 2025
މުނިފޫހިފިލުވުން

ޑްރަގްސް ބޭނުން ކުރަނީތޯ ޝާހްރުކް އެހި

މީގެ ހައެއްކަ އަހަރު ކުރިން ދިމާވި އެކި ކަހަލަ ކަންކަމާ ހެދި މަސައްކަތުގެ މަތިން ފޫހިވެ، އޭރު ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ބައެއް އެޕިސޯޑްތަކުގެ ޝޫޓިންތަކަށް ހާޒިރުނުވި ދަނޑިވަޅުގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރޭތޯ ޝާހްރުކް ސުވާލުކުރި ކަމަށް ކަމަށް މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އޭނަގެ ފިލްމު "ޒިގްވާޓޯ" ގެ ޕްރޮމޯޝަންގެ ތެރެއިން "އާޖު ތަކް" އަށް ދިން އިންޓަވިއުއެއްގައި ބުނީ ކަޕިލް ބުނީ އެ ސުވާލު ޝާހްރުކް ކުރީ ޝޫޓިންތައް ކެންސަލްކުރާތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.

"އޭރު ޝާހްރުކާ އެކީ އޮތް ޝޫޓިންއެއް ކެންސަލްކުރިތާ ތިން ވަރަކަށް ދުވަސް ފަހުން ސްޓޫޑިއޯ އިން އޭނައާ އަލުން އެހެން ކަމަކަށް ގޮސްގެން އުޅެނިކޮށް ދިމާވި. އެ ދުވަހު އަހަރެން ގެންގޮސް ކާރުގައި ބައިންދާފައި ގަޑިއެއްހާ އިރު ޝާހްރުކް ވަރަށް ވާހަކަ ދެއްކި،" ކަޕިލް ބުންޏެވެ. "އޭރު އަހަރެން ހުރި ހާލަތުގެ ސަބަބުން އޭނަ ސުވާލު ވެސް ކުރި އަހަރެން މަސްތުވާތަކެތި ބޭނުން ކުރަނީތޯ."

އޭނަ ބުނީ އެކަން ނުކުރާ ކަމަށް ބުނި ކަމަށެވެ. އަދި ޝާހްރުކް ބޭބެއެއް ފަދައިން ނަސޭހަތްދީ އަމިއްލަ ނަފުސު އިސްލާހުކުރަން މަސައްކަތްކޮށް، ކެރިއަރުގައި ކުރިއަށް ދާން ވަރަށް ހިތްވަރު ދިން ކަމަށް ކަޕިލް ބުންޏެވެ.

"އަހަރެންގެ ތަޖުރިބާ އިން ޔަގީންވި ކަމަކީ އެ މީހަކު އަމިއްލަ އަށް އިސްލާހުވާން މަސައްކަތް ނުކުރާހާ ހިނދަކު އެކަމެއް ނުވާނެކަން." ކުރިން ރަލަށް ވެސް ދެވި ހިފައި، ނަފުސާނީ މައްސަލަތަކުގެ ތެރެއަށް ވެއްޓުނު ކަޕިލް ބުންޏެވެ.

ނަމަވެސް ފަހުން އަމިއްލަ ނަފުސަށް ވަގުތު ދީ، ދިމާވި ކަންކަން އަރައިގަތުމަށް ވަރަށް މަސައްކަތްކުރި އެވެ. ނަޖީތާ އަކީ އަނެއްކާ ވެސް ކަޕިލް އަސްލު ހާލަތަށް ރުޖޫއަވެ، އޭނަގެ ޝޯ އަލުން ފަށައި އާންމުންގެ ހިތްތައް ފަތަހަކުރުމެވެ. ކުރިން ދިމާވި މައްސަލަތަކުގެ ތެރޭގައި ކަޕިލް ވަރަށް ބޮޑަށް ފަލަ ވެސް ވި އެވެ. އެކަމަކު ފިޓްވާން ކުރި މަސައްކަތުން ވެސް އޭނަ ހުރީ މިހާރު ނަތީޖާ ނެރެގެންނެވެ.

ކަޕިލް އަކީ އިންޑިއާގެ އެންމެ މަޝްހޫރު ކޮމީޑިއަނެވެ. މިހާރު ދެ ކުދިން ވެސް ތިބި ފަންނާނު ކައިވެނުކުރީ 2018 ގަ އެވެ.

ކަޕިލް، 41، ގެ ކުރިއަށް އޮތް ފިލްމު "ޒިވިގާޓޯ" އަކީ ނަންދިތާ ދާސް ޑައިރެކްޓްކުރި ޑްރާމާ ފިލްމެކެވެ. އޭގައި ކަޕިލް ކުޅެފައި ވަނީ ކާތަކެތި ޑެލިވަރީކުރާ މީހެއްގެ ރޯލެވެ.