Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ޖޭޕީގެ މެމްބަރުން ސަރުކާރުން ވަކި ނުކުރެވޭނެ: ނަޝީދު

ޖުމްހޫރީ ޕާޓީގެ މެމްބަރުން ސަރުކާރުން ވަކި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން އިއްޔެ ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފަ އެވެ. އެއާއެކު ސަރުކާރުގައި ތިބި ޖޭޕީގެ ބޭފުޅުން މަގާމުތަކުން ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން އަންނަނީ ގޮވާލަމުންނެވެ.

އެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުވި މެސެޖެއްގައި ވިދާޅުވީ މިވަގުތު ހިނގަމުން ދަނީ އެމްޑީޕީ އިސްވެ އުފެއްދި އިއްތިހާދުގެ ސަރުކާރެއް ކަމަށާއި މި ދައުރު ނިމެންދެން ސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެންބަރެއް ސަރުކާރުން ވަކި ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ޖޭޕީގެ ބޭފުޅުން މަގާމުތަކުން އިސްތިއުފާ ދެއްވަން ގޮވާލިއިރު އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ކޯލިޝަން އެއްބަސްވުން ހަދާފައިވާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކަމަށާއި، އޭގެ ކުރިން ޖޭޕީގެ ސްލޮޓްތަކުގައި ތިބި އެއްވެސް ބޭފުޅަކު އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ނޮވެމްބަރު 18 ގެ ކުރިން ޖޭޕީގެ ފަރާތްތައް އިސްތިއުފާ ދޭންޖެހޭނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިސްތިއުފާ ދޭންޖެހޭނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ މަގާމުތައް ދީފައިވަނީ އެއްވެސް މީހެއްގެ "އަމިއްލަ ތަރިކަ މުދަލުން" ނޫން ކަމަށެވެ. އަދި އެއްބަސްވި ގޮތާ އެއްގޮތަށް ބައިކުޅަބައިތައް ދެވުނުތޯ އަމިއްލައަށް ވިސްނާލުމަށް ވެސް އެދިވަޑައިގަތެވެ. ގާސިމް ވަނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން ސަރުކާރު ސްލޮޓްތަކުގައި ތިބި ޖޭޕީގެ އެއްވެސް ބޭފުޅަކު އިސްތިއުފާ ދިނުމަށް ނުދަންނަވާނެ ކަމަށެވެ. އަދި އެމީހަކަށް ހަވާލުކުރެވިފައިވާ މަގާމުގެ މަސްއޫލިޔަތު ރަނގަޅަށް އަދާކުރާނަމަ ދައުލަތަށް ހިދުމަތް ކުރުމުގައި ވަކި ޕާޓީއެއް ތަފާތުނުކޮށް، އެމީހަކު އެކަމެއްގައި ދެމިހުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.