Last Updated: April 20, 17:52
Saturday, April 20, 2024
ކުޅިވަރު

ސްޕޯޓްސް އެވޯޑު ފަސްކޮށްފި

މިދިޔަ އަހަރުން ފެށިގެން ދޭން ފެށި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ހަފްލާ ފަސްކޮށްފި އެވެ.

މި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައި އޮތީ މާދަމާ ރޭގަ އެވެ. ނަމަވެސް މޫސުން ގޯސްވުމާ ގުޅިގެން މި ހަފްލާ މިހާރު ވަނީ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފަ އެވެ.

މިއީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. އެގޮތުން ކުޅުންތެރިންނާއި ކޯޗުންނާއި ކުޅިވަރުގެ އޮފިޝަލުންނަށް ވެސް އެވޯޑް ދޭނެ އެވެ. އަދި ކުޅިވަރުން ރަން ވަނަތައް ހޯދާ ކުޅުންތެރިންނަށް ވެސް އެވޯޑް ދޭނެ އެވެ.

މިދިޔަ އަހަރު އެވޯޑު ދީފައިވަނީ 2019، 2020 އަދި 2021 ވަނަ އަހަރު އެއްކޮށްލައިގެން ބޭއްވި މުބާރާތްތަކާއި ކާމިޔާބީ އަށް ބެލުމަށްފަހު އެވެ.

އެގޮތުން މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ލިބިފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންވެރިޔާ ހަސަން ސާއިދު އާއި ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަށެވެ.

އެ އެވޯޑު ހަފްލާ އަށް ރާއްޖެ އިން ބޭރުގެ ކުޅިވަރުގެ ތަފާތު އެކި ޝަހުސިއްޔަތުތައް ވަނީ ރާއްޖެ އައިސްފަ އެވެ. އޭގެތެރޭގައި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އިޓަލީގެ ޓީމުގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ހިމެނެ އެވެ.