Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޕީޕަލްސް ޗޮއިސް އަށް އަހަރެއް، އިނާމު ލިބޭ ހަރަކާތެއް

އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕާ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން އެކުންފުނިން ފާހަގަކޮށްފި އެވެ.

އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައް ގެނެސް، އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރެވޭ ގޮތަށް ފުރުސަތު ދެވިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 15ވަނަ ދުވަހު އެވެ.

އެސްޓީއޯގެ އެ ކާމިޔާބު ކޮންސެޕްޓާއެކު ޕީޕަލްސް ޗޮއިސްގައި އާއްމުން ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމާއެކު އެސްޓީއޯ އިން މިހާރު ގެންދަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް އާއްމު ވިޔަފާރިތަކަށް ހުޅުވާލުމަށްޓަކައި މަރާމާތުކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކްއެއް ކުއްޔައް ދޫކުރުމަށްޓަކައި ތައްޔާރުކުރެވި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެސްޓީއޯ އިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިޔަށްގެންދެވޭ ހަރަކާތްތަކުގެ ތެރެއިން، މިއަދު އެތަނުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެން ދާނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ހަތަރު ފަރާތަކަށް ފަސް ހާސް ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބޭނެ ކަމަށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރަމް އަދި ފޭސްބުކްގައި ޝެއާ އެންޑް ވިން ޕްރޮމޯޝަނެއް އަގުހުރި އިނާމުތަކާއެކު މިއަދު ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މިހާރު ކުރިޔަށްދާ ރަމަޒާން ބާޒާރުގެ އިތުރަށް މާދަމާ އިން ފެށިގެން މިމަހުގެ 22ވަނަ ދުވަހާއި ހަމައަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިތުރު ޑިސްކައުންޓްތަކާއެކު ޕްރޮމޯޝަނެއް ކުރިޔަށް ގެންދެވޭނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

މީގެއިތުރުން މިއަދުގެ އެކި ގަޑިތަކުގައި އެސްޓީއޯގެ ބްރޭންޑްތަކުގެ ރަހަ ދައްކާލުމާއި ހަދިޔާ ބެހުން ކުރިޔަށްގެންދާއިރު ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ރެންޑަމްކޮށް، ސަޕްރައިސްއެއްގެ ގޮތުގައި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ދެވިގެންދާނެ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.