Last Updated: July 27, 15:08
Saturday, July 27, 2024
މުނިފޫހިފިލުވުން

ޔޯ ޔޯ ހަނީ ސިންގްގެ ވާހަކަ ނެޓްފްލިކްސް އަށް

އިންޑިއާގެ މަޝްހޫރު ރެޕާ/ލަވަކިޔުންތެރިޔާ ޔޯ ޔޯ ހަނީ ސިންގްއާ ބެހޭ ޑޮކިއުމަންޓަރީ ސީރީޒެއް ނެޓްފްލިކްސް އަށް ގެންނަން ނިންމައި އޭގެ ޓީޒާއެއް ވެސް ދައްކާލައިފި އެވެ.

މި ޑޮކިއު-ސީރީޒް އަކީ މީގެ ދެ ދުވަސް ކުރިން ބޭއްވި 95 ވަނަ އޮސްކާ އެވޯޑްސްގައި ޑޮކިއުމަންޓްރީ ޝޯޓް ޝޯޓް ކެޓަގަރީން އެވޯޑް ހޯދި "އިލަފެންޓް ވިސްޕަރާ" ގެނެސްދިން ގުނީތު މޮންހާ ޕްރޮޑިއުސްކޮށް، މޮޒެޒް ސިންގް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

މިހާތަނަށް ކާމިޔާބު އެތައް ލަވައެއް ގެނެސްދީފައިވާ ޔޯ ޔޯ ހަނީ ސިންގްގެ ޑޮކިއު-ސީރީޒްގައި އޭނަގެ މިއުޒިކް ކެރިއަރުފެ ފެށުމާއި އެ ދާއިރާ އިން މިހާތަނަށް ހޯދި ކާމިޔާބީ އާއި އެ ކާމިޔާބީތަކާ ހަމައަށް ވާސިލުވާން ކުރި މަސައްކަތްތަކާއި އަމިއްލަ ދިރިއުޅުމުގައި ދިމާވި އެތައް ކަމެއް ދައްކުވައި ދޭނެ އެވެ.

މިއާ ބެހޭ ގޮތުން ޔޯ ޔޯ ހަނީ ސިންގް ބުނީ ނެޓްފްލިކްސްގެ ސީރީޒް ވަނީ އޭނަގެ ހަޔާތާ ބެހޭ ގޮތުން ނޭނގޭ އެތައް ވާހަކައެއް ތިލަކޮށްދޭނެ އެއްޗެއް ކަމަށެވެ. ނަމަވެސް ސީރީޒް ސްޓްރީމްކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ހަމަ ޔަގީނުން ވެސް އަހަރެންގެ ފޭނުންނަށް، އަހަންނާ ބެހޭ ގޮތުން ނޭނގޭ ވަރަށް ގިނަ ކަންތައްތަކެއް މި ޑޮކިއު-ސީރީޒުން އެނގިގެން ދާނެ." ޔޯ ޔޯ ހަނީ ސިންގް، 40، ބުންޏެވެ.

އޭނަ މިހާތަނަށް މަގުބޫލު އެތައް ވީޑިއޯ ލަވައެއް ވެސް ގެނެސްދީފައިވާ އިރު، ބޮލީވުޑްގެ އެތައް ފިލްމަކަށް ވެސް މަޝްހޫރު އެތައް ލަވައެއް ކިޔާފައިވެ އެވެ.