Last Updated: December 6, 23:06
Wednesday, December 6, 2023
ކުޅިވަރު

ލިވަޕޫލް ކަޓައިފި، ރެއާލް ކުއާޓާ އަށް

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ރެއާލް މެޑްރިޑުން ލިވަޕޫލް 1-0 އިން ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 5-2 އިން ކާމިޔާބު ކުރީ ރެއާލް އިންނެވެ. ރެއާލް ކުއާޓާ އަށް ދަތުރުކުރީ 6-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. މިއީ މި މުބާރާތް 14 ފަހަރު ހޯދާފައިވާ ރެއާލުން މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރި 19 ވަނަ ފަހަރެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ. ބެންޒެމާ މި ގޯލު ކާމިޔާބު ކުރީ ވިނީޝިއަސް ޖޫނިއާ ދިން ޕާހަކުން ގޯލު ކުރިމަތީ މުޅިން ހުހަށް ހުރެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މި މެޗުގައި ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ރެއާލުން ތަނަވަސްކުރި ނަމަވެސް ލިވަޕޫލްގެ ކީޕަރު އެލިސަންގެ ހުޝިޔާރުކަން ވަނީ މި މެޗުގައި ފެނިގެން ގޮސްފަ އެވެ. އެގޮތުން ވިނީޝަސް އަދި ކަމަވިންގާ އާއި ވަލްވާޑޭ ފޮނުވާލި ހަމަލާތައް އެލިސަން ވަނީ މަތަކޮށްފަ އެވެ. ހަތަރު ފޯވާޑުންނާއެކު މި މެޗު ފެށި ލިވަޕޫލުން އެންމެ ނުރައްކާތެރި ހަމަލާ ރެއާލްގެ ގޯލަށް ފޮނުވާލީ ޑާވިން ނުނޭޒް އެވެ. ފުރަތަމަ ހާފްގެ ކުރީކޮޅު އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ރެއާލްގެ އިތުރުން ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ދެން ދަތުރުކޮށްފައިވާ ޓީމުތަކަކީ މެންޗެސްޓާ ސިޓީ، ޗެލްސީ، އޭސީ މިލާން، އިންޓަ މިލާން، ނަޕޯލީ، ބެންފީކާ އަދި ބަޔާން މިއުނިކެވެ. ކުއާޓާގައި ޓީމުތައް ބައްދަލުކުރާނެ ގޮތް އެނގޭނީ މާދަމާ ނަގާ ގުރުއަތުލުމުންނެވެ.