Last Updated: March 26, 16:36
Sunday, March 26, 2023
މުނިފޫހިފިލުވުން

ރަންބީރް "ތޫ ޖޫޓީ" ކުޅުނީ ހިލޭ

އާންމުންގެ ފަރާތުން މިހާރު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމު "ތޫ ޖޫޓީ، މޭ މައްކާރު" ގެ ބަތަލު ރަންބީރް ކަޕޫރް އެ ފިލްމު ކުޅުނީ ހިލޭ ކަމަށް ޑައިރެކްޓަރު ލަވް ރަންޖަން ބުނެފި އެވެ.

ޝްރަދާ ކަޕޫރް ބަތަލާގެ ރޯލު ކުޅެފައިވާ މި ރޮމޭންޓިކް ކޮމެޑީ އަކީ ލަވް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. ގާތްގަނޑަކަށް 75 ކްރޯޑް ރުޕީސް (9.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި (14.4 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

"ތޫ ޖޫޓީ މޭ މައްކާރު" ބޮކްސް އޮފީހުގައި ކާމިޔާބުކަމާ އެކީ ކުރިއަށްދާ އިރު، އެންޑީ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ލަވް ބުނީ ފިލްމަށް ރަންބީރް ސޮއިކުރި އިރު، ނަގަން އެއްބަސްވި ފީއާ އަދިވެސް ހަވާލު ނުވާ ކަމަށެވެ. އޭނަ ބުނި ގޮތުގައި ފިލްމުގެ ފީއާ ރަންބީރް ހަވާލު ނުވެގެން އުޅެނީ، މި ފިލްމުގެ މަސައްކަތްކުރި ދުވަސްވަރު މާލީ ދަތިތަކެއް ހުރިކަމުގެ ވާހަކަ ހިއްސާކުރުމުންނެވެ.

"އޭގެ ފަހުން ރަންބީރް އެއްގޮތަކަށް ވެސް އެއްބަހެއް ނުވޭ ފީއާ ހަވާލުވާކަށް." ލަވް ބުންޏެވެ.

އޭނަ ބުނި ގޮތުގައި 2019 ގައި އިއުލާންކުރި ފިލްމުގެ މަސައްކަތް ފެށުން ލަސްވެ، ފަހުން ކޮވިޑްގެ ދަތިތަކަމާ ކުރިމަތިލާން ޖެހުނު އިރު، ވެސް ރަންބީރްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ފިލްމަށް ލިބުނެވެ. އަދި އެއީ ވަރަށް ހާއްސަ އެކުވެރިއެއް ކަމަށް ވެސް ލަވް ބުންޏެވެ.

ރަންބީރް ބުނެފައިވާ ގޮތުގައި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް ދިމާވާ މާލީ ދަތިތަކަކީ ވަރަށް ރަނގަޅަށް ވަޒަން ކުރެވޭ ކަމެކެވެ. ސަބަބަކީ އޭނަގެ ކާފަ އަދި ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު/ޕްރޮޑިއުސަރު ރާޖް ކަޕޫރަށް ވެސް އެފަދަ ހާލަތްތައް ދިމާވި ތަން ގާތުން ފެނިފައިވުމެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް އަޔާން މުކަރްޖީ ޑައިރެކްޓްކޮށް، މިދިޔަ އަހަރު ގެނެސްދިން "ބްރައްމަސްތުރާ" އަކީ ވެސް ރަންބީރް ހިލޭ ކުޅުނު ފިލްމެކެވެ. އެ ފިލްމުގެ އިތުރު ދެ ބައި ކުރިއަށް އޮތް އިރު، ދެން އެންމެ އަވަހަށް ރިލީޒްވާނެ ރަންބީރުގެ ފިލްމަކީ އޮގަސްޓް 11 އަށް ތާވަލުކޮށްފައި އޮތް "އެނިމަލް" އެވެ.