Last Updated: April 20, 19:35
Saturday, April 20, 2024
ދުނިޔެ

އެމެރިކާ އިން ޓިކްޓޮކަށް އަލުން އިންޒާރެއް!

ޓިކްޓޮކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެ އެޕް މަނާކުރަން މަސައްކަތް ކުރަމުން ދަނިކޮށް، އެމެރިކާގެ ކުންފުންޏަކަށް ޓިކްޓޮކް ވިއްކައިލަން ސަަރުކާރުން އިންޒާރު ދީފި އެވެ.

މިކަން ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން ބައެއް މީޑިއާތަށް ކަށަވަރު ވެސް ކޮށް ދީފައިވެ އެވެ. އެ ކުންފުނިން ބުނީ އެމެރިކާ އިން އިންޒާރު ދިނީ ޓިކްޓޮކް ވިއްކާ ނުލައިފި ނަމަ، އެ އެޕް އެމެރިކާގައި މަނާކުރާނެ ކަމަށް ބުނެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

ފާހަގަކޮށްކެވޭ ކަމަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ވެސް ޓިކްޓޮކަށް މިފަދަ ބިރުތަކެއް އެމެރިކާ އިން ދައްކައި، އެތައް ތުރާލެއް ޖެއްސިކަމެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ޓިކްޓޮކް މަނާކުރަން ބިލެއް ހުށަހަޅައި އެކަމާ ގުޅޭ ބަހުސްތަކެއް ވެސް ދަނީ ކުރެވެމުންނެވެ. އެގޮތުން މިހާރު ވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުގެ އިދާރާތަކުގައި ޓިކްޓޮކް އޮތީ ބޭނުން ނުކުރެވޭ ގޮތަށް ހަދައިފ އެވެ.

އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ޗައިނާގެ ކޮމިނިއުސްޓް ސަރުކާރާއި އެ ގައުމުގެ އަަސްކަރިއްޔާ އިން ވެސް ވާގިދޭ ޓިކްޓޮކުން ދަނީ އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޑޭޓާތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންނެވެ. އަދި މީގެ ސަބަބުން ގައުމީ ސަލާމަތަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ އެވެ.

ނަމަވެސް އެމެރިކާ އިން ކުރާ ތުހުމަތުތައް ބައިޓްޑާންސުން އަންނަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ.