Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަނެއްކާ ވެސް ގަމާއި ކޫއްޑޫ ގުޅާލުމުގެ ވާހަކަތަކެއް

އައްޑޫ ގަން އެއާޕޯޓާއި ގއ. ކޫއްޑޫ އެއާޕޯޓާ ދެމެދު ދަތުރުތައް ފަށަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މި ދެ އެއާޕޯޓް ގުޅާލުމުގެ ވާހަތަކެއް މިދިޔަ އަހަރު ވެސް ދެކެވުނެވެ.

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އެގޮތަށް ވިދާޅުވި ނަމަވެސް އެކަމާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް ނުދެ އެވެ. ނަމަވެސް އަސްލަމް ވިދާޅުވީ ދެކުނުގެ ހަ އެއާޕޯޓް ކުރިއަށް އޮތް ތަނުގައި ގުޅާލައި، ދަތުރުފަތުރު މިހާރަށް ވުރެ ފަސޭހަ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓާ އެކީ މިހާރު ހުވަދު އަތޮޅުގައި ހަތަރު އެއާޕޯޓް އެބައޮތެވެ. އަދި އައްޑޫގެ އިތުރުން ފުވައްމުލަކު އެއާޕޯޓާ އެކީ ރާއްޖޭގެ އެންމެ ދެކުނުގައި މިހާރު ޖުމްލަ ހަ އެއާޕޯޓް އެބައޮތެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓް ކަމަށްވާ ގަމާއި ދެކުނުގެ އެހެން އަތޮޅުތައް ގުޅާލުމުގެ ވާހަކަތަކެއް ދެކެވި، މިފަދަ ބައެއް އެއްބަސްވުންތައް ވެސް ހަދާފައިވެ އެވެ. އެކަމަކު މިއީ ކޮޅެއްގައި ނުޖެހި އޮތް ކަމެކެވެ.

ގަމާއި ހުވަދޫ ގުޅައިލަން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސީ ޕްލޭން ދަތުރުތަކެއް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި 2020 ގެ ފަހުކޮޅު ސޮއިކޮށްފައިވެ އެވެ. މިދިޔަ ފެބްރުއަރީ މަހު ފްލައި ދުބާއީ އައްޑު އަށް ދަތުރުތައް ފަށަން ވާހަކަ ދެކެވުނު އިރު ވެސް ގަމާއި ލ. އަތޮޅާ ހަމައަށް ގުޅައިލުމުގެ ވާހަކަތަކެއް ދެކެވުނެވެ. ފްލައި ދުބާއީގެ ދަތުރުތައް މިހާރު އޮތީ ޖޫން އަށް ފަސްކޮށްފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ކުރީކޮޅު މަންޓާ އެއާގެ ދަތުރުތައް ގަމަށް ބޭއްވި އިރު، އެ އެއާލައިން މެދުވެރިކޮށް ކޫއްޑު އާއި ގަން ގުޅާލެވުމެވެ. އެކަމަކު މަންޓާ އައްޑު އަށް ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ވަނީ ހުއްޓާލައިފަ އެވެ.