Last Updated: December 6, 23:06
Wednesday, December 6, 2023
ދުނިޔެ

ޗެލްސީން ރޯދަ ވީއްލުމެއް ބާއްވަނީ

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ޓީމު ޗެލްސީން ރޯދަ ވީއްލުމެއް ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 23 ގައި މި އަހަރުގެ ރޯދަ މަސް ފެށޭ އިރު، ޗެލްސީން އިންތިޒާކުރާ ރޯދަ ވީއްލުން މި މަހުގެ 26 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި ވަނީ އެ ޓީމްގެ ލަންޑަންގެ ސްޓޭމްފޯޑް ބްރިޖް ސްޓޭޑިއަމްގަ އެވެ. މި ރޯދަ ވީއްލުން ޗެލްސީން އިންތިޒާމުކުރަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރަމަދާން ޓެންޓް ޕްރޮޖެކްޓް (އާރްޓީޕީ) ގުޅިގެންނެވެ.

އެގޮތުން 26 ގައި ބާއްވާ ރޯދަ ވީއްލުމަށް ޗެލްސީގެ މުސްލިމުންނަށް ވަނީ ދައުވަތު ހުޅުވާލާފައި ކަމަށް ޓީމުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުންޏެވެ. މި ރޯދަ ވީއްލުމުގައި ބައިވެރިވާން ބޭނުންވާ އެކި އުމުރުގެ މުސްލިމުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

މުސްލިމުންގެ ތިން ވަނަ ރުކުނާ ގުޅުވައިގެން ޗެލްސީން ރޯދަ ވީއްލުމެއް ބާއްވާ އިރު، މިއީ ޕްރީމިއާ ލީގުގެ ޓީމަކުން މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރެވެ.

އާރްޓީޕީގެ ސީއީއޯ އުމަރު ސަލްހާ ވިދާޅުވީ ކޮންމެ އަހަރެއްގެ ރޯދަ މަހަކު ވެސް އެ ޖަމިއްޔާ އިން އިނގިރޭސިވިލާތުގެ މުސްލިމުންނެއް އެއްތަންކޮށް ރޯދަ ވީއްލުންތައް ބާއްވަމުން އަންނަ ކަމަށެވެ. އެކަމަކު މި އަހަރުގެ ރޯދަ މަހުގެ ކުރީކޮޅު، އެތައް ބަޔަކު ސަޕޯޓްކުރާ ކުލަބަކާ ގުޅިގެން ރޯދަ ވީއްލުން އިންތިޒާމު ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.

"މީގެ ސަބަބުން ޓީމުގެ ސަޕޯޓަރުންގެ މެދުގައި ވެސް ގުޅުން ބަދަހިވާން ފުރުސަތު ފަހިވެގެން ދާނެ." އުމަރު ވިދާޅުވި އެވެ.

ޗެލްސީން ވެސް ބުނީ މިއީ އެކުވެރިކަމާއި އެއްބައިވަންތަަކަން އާލާކޮށް، ދެކޮޅުވެރިކަމާއި ނަފުރަތާއި ރުޅިވެރިކަން ނައްތައިލުމުގެ މަގުސަދުގައި އިންތިޒާމުކުރާ ކަމެއް ކަމަށެވެ. އެހެންވެ ރޯދަ ވީއްލުން ބާއްވަނީ އެ ޓީމުން ކުރިއަށް ގެންދާ "ނޮޓް ޓު ހޭޓް" ކެމްޕޭންގެ ތެރެއިންނެވެ.

ޗެލްސީ ފައުންޑޭޝަންގެ ހެޑް ސައިމަން ޓޭލާ ވިދާޅުވީ އެންމެ އުފާވާ އެއް ކަމަކީ ޕްރީމިއާ ލީގްގެ ޓީމަކުން މުސްލިމުންނަށް އިންތިޒާމުކުރާ ފުރަތަމަ ރޯދަ ވީއްލުން އެ ޓީމުން ކުރިއަށް ގެންދެވޭތީ ކަމަށެވެ.

"އެހެންވީމަ ވީހާ ވެސް ގިނަ ބަޔަކަށް މި ރޯދަ ވީއްލުމަށް ދައުވަތު ދެން." އޭނަ ވިދާޅުވި އެވެ.

ޗެލްސީ އަކީ އިނގިރޭސި ޓީމުތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ޓީމެވެ.

ބްރިޓިޝް އޮފިސް ފޯ ނެޝަނަލް ސްޓެޓިކްސްގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގައި 3.9 މިލިއަން މުސްލިމުން އުޅެ އެވެ.