Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ކޮކްޕިޓްގައި ކޮފީ ބުއި ގޮތުން މައްސަލަގަނޑެއް!

އިންޑިއާގެ ޕްރައިވެޓް އެއާލައިނެއް ކަމަށްވާ ސްޕައިސް ޖެޓްގެ މަތިންދާބޯޓެއްގެ ދަތުރުމަތީގައި ކޮކްޕިޓްގައި ދެ ޕައިލެޓަކު، މަތި ނެތް ތަށީގައި ކޮފީ ބުއި މައްސަލައެއް ބަލަން ފަށައިފި އެވެ.

މި މަންޒަރު ފެންނަ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެ، ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އޭގައި މަތި ނެތް ކަރުދާސް ތަށީގައި ކޮފީއާ އެކީ ހެދިކާ ވެސް ގެންގުޅޭ ތަން ފެނެ އެވެ. އެކަމަކު ފޮޓޯ އިން ޕައިލެޓުންގެ މޫނެއް ނުފެނެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފޮޓޯ ނަގާފައި ވަނީ ބޯޓް މި މަހުގެ 8 ގައި ނިއު ދިއްލީން ގުވާހަޓީ އަށް ކުރި ދަތުރުމަތީގަ އެވެ. އޭރު ބޯޓް ދަތުރުކުރަމުން ދިޔައީ 37،000 ފޫޓް މަތިންނެވެ.

މަތި ނުޖަހާ އެއްޗެހީގައި ކާބޯތަކެތި ފްލައިޓްގެ ކޮކްޕިޓް ތެރޭގައި ގެންގުޅުމަކީ ސަލާމަތީ ސަބަބުތަކަށްޓަކައި އިންޑިއާގެ އޭވިއޭޝަން އުސޫލުތަކާ ހިލާފު ކަމެކެވެ. އަދި އެއީ ވަރަށް ހާއްސަ ހާލަތެއްގައި ނޫނީ ހުއްދަ ނޫން ކަމެކެވެ. އެހެންވެ ކޮކްޕިޓްގެ ތެރޭގައި "މާ ބޮޑު ކަމަކަށް ނަހަދައި" ނާސްތާ ކުރި މައްސަލަ ޑިރެކްޓަރޭޓް ޖެނަރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ ސަމާލު ކަމަށް އައިސް އެކަން ބެލުމަށް ސްޕައިސް ޖެޓަށް ވެސް އަންގާފައިވެ އެވެ.

މިކަމާ ގުޅިގެން އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ އެކަން ކުރި ދެ ޕައިލެޓުން ވަގުތީ ގޮތުން މަސައްކަތުން އެކަހެރިކޮށް، މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

"ދައުރުވި ފޮޓޯގެ ހަގީގަތް މިހާރު އަންނަނީ ބަލަމުން." ސްޕައިސް ޖެޓުން ބުންޏެވެ.