Last Updated: May 13, 11:55
Tuesday, May 13, 2025
ޚަބަރު

ބޭރުގެ އެއްވެސް ނުފޫޒެއް ރައީސް ސޯލިހަށް ނޯންނާނެ

ތަރުޖަމާން މިއުވާން މުހައްމަދު- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޭރުގެ އެއްވެސް ސަރުކާރެެއްގެ ނުފޫޒެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިންޑިއާގެ ނުފޫޒު ރައިސް ސޯލިހްގެ ސަރުކާރަށް އޮތްކަމަށް ބުނާ މައްސަލައިގައި ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ބޭރުގެ އެއްވެސް ސަރުކާރެއްގެ ނުފޫޒެއް ރައިސް ސޯލިހްގެ ސަރުކާރަށް ނޯންނާނެ ކަމަށެވެ. އިންޑިއާ އަދި ރާއްޖެއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތްކަން ފާހަގަކޮށް މިއުވާން ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުންވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުވަތަ ރައްޔިތުންގެ މެދުގައި އޮޅުން އަރާގޮތަށް އިދިކޮޅުން ވާހަކަދައްކަނީ ސިޔާސީ ބޭނުމެއްގައި ކަމަށް މިއުވާން ވިދާޅުވިއެވެ.

އިންޑިއާ އަދި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ބައެއް އެއްބަސްވުންތަައް ސިއްރު ކޮށްފައިހުރި މައްސަލައާ ގުޅިގެން މިއުވާން ވިދާޅުވީ އާންމު ގޮތެއްގައި ދެގައުމެއްގެ ދެމެދުގައި ސޮއި ކޮށްފައި ހުންނަ އެއްބަސްވުންތަކަކީ ތަފާތު އެކި ސަބަބުތަކާހުރެ ސިއްރު ކޮށްފައި ހުންނަ އެއްބަސްވުންތަކެއް ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުތަކުންވެސް ގައުމުތަކާ އެކު ސޮއިކޮށްފައި ހުންނަ އެއްބަސްވުންތަކަކީ އޭގެ ސިއްރު ހިފެހެއްޓޭ ތަކެތި ކަން ފާހަގަކުރެއްވިއެވެ.

"ރައްޔިތުންނަށް ޔަގީންކަން އަރުވަން، އެއްވެސް އެއްބަސްވުމެއްގެ ސަބަބުން ރައްޔިތަކަށް ނުވަތަ ދިވެހި ގައުމަށް ދެރައެއް ލިބޭފަދަ އެއްވެސް އެއްބަސްވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެއް ސޮޔެއް ނުކުރާނެ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މިސަރުކާރުގައި ގައުމުތަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ ދިވެހި ގައުމާއި ރައްޔިތުންނަށް ލާބައާއި މަންފާ ހޯދުމަށް ސޮއިކުރާ އެއްބަސްވުންތަކެއް ކަމަށެވެ.