Last Updated: March 26, 16:48
Sunday, March 26, 2023
ޚަބަރު

ޖޭޕީ ވަކިން ވާދަކުރުމަކީ ރައީސަށް ޗެލެންޖެއް ނޫން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޤާސިމް އިބްރާހިމް- ފޮޓޯ: ރައީސް އޮފީސް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ޗެލެންޖެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން ރައީސް ސޯލިހު ދެއްވި ދައުވަތު ގަބޫލުނުކޮށް ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފަ އެވެ. އަދި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް މިއަދު ވަނީ ކުރިމަތިލާން ހުޅުވާލާފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރުމަކީ ރައީސަށް ޗެލެންޖެއް ނޫން ކަމަށާއި ރައީސާއެކު ކުރިއަށް ވަޑައިގަންނަވަން ބޭނުންވާ ބޭފުޅުންނާއެކު މި އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކޯލިޝަނުގެ ތެރޭގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ސަރުކާރު ހިންގަން ދަތިވާނެ ކަމަށާއި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެފި ހާލަތެއްގައި ގާސިމާއެކު ރައީސް މަޝްވަރާ ކުރައްވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ރައީސަށް މުހިއްމީ ރައްޔިތުންނަށް ހިދުމަތް ކުރުމާއި ސަރުކާރު ހިންގެވުން ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވާ ބޭފުޅުންނާ އެކު ރައީސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގައި ތިއްބަވައިގެން ރައީސްގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވާ ބޭފުޅުންނާއެކު ކުރިއަށް ވަޑައިގަތުމަކީ ދަތި ކަމަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

ރައީސް ސޯލިހާ އެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއިންނެވެ. ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމުން އިންތިހާބާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.