Last Updated: March 29, 15:09
Wednesday, March 29, 2023
ޚަބަރު

އިސްލާމިކް ޕާސަނަލް ފައިނޭންސް ދޫކުރާ އަދަދު އިތުރުކޮށްފި

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އިން ރަހުނަކާ ނުލައި 1.2 މިލިއަން ރުފިޔާއާ ހަމައަށް ނަގުދު ފައިސާ ނުވަތަ މުދާ މިހާރު ނެގޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލުން ބުނީ، އެ ފެސިލިޓީ ދޫކުރާއިރު ފެސިލިޓީގެ ލިމިޓް ކަނޑައެޅުމުގައި އަމިއްލަ ފަރުދުންގެ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީވެސް ހިމެނޭނެ ކަމަށާއި ބީއެމްއެލްގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރުކޮށްފައިވާ ނަމަވެސް ފެސިލިޓީއަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށް، މުދާ ގަތުމަށް، ހިދުމަތެއް ފައިނޭންސް ކުރުމަށް އަދި ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ފައިނޭންސް ކޮށްދެވޭނެ ކަމަށް ބުންޏެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ލިބޭ ހިދުމަތް ފޯރުކޮށްދެނީ، އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް (ކޮމޯޑިޓީ މުރާބަހާ) އުސޫލުންނެވެ. މިއީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ)، ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާ ގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ.

ބީއެމްއެލުން ބުނީ، މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ނަގުދު ފައިސާ ލިބި، މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އަވަހަށް ފައިސާ ދެއްކުމުން ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ޑިސްކައުންޓެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ބޭންކުން ބުނެ އެވެ.

އިންޓަނެޓް އަދި މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭއިރު، ފައިނޭންސިން ފެސިލިޓީ ޕްރޮސެސްކުރުމަށް ފަސް ދުވަސް ނަގާނެ އެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް މުސާރަ، ކުލިން ލިބޭ އާމްދަނީ، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ، ރިޓަޔަމަންޓް ޕެންޝަން އަދި ވެރިފައިކުރެވޭ އެހެނިހެން ކޮންމެ އާމްދަނީއެއްވެސް ބަލައިގަންނާނެއެވެ. ނަމަވެސް ރިޓަޔާމަންޓް ޕެންޝަން ތެރޭގައި އިސްރަށްވެހިންނަށް ދޫކުރާ ޕެންޝަން ނުހިމެނޭނެ އެވެ.

ބޭންކުން ދޫކުރާ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއިން ރޭޓަކީ އަހަރަކަށް 15 ޕަސެންޓެވެ. އަދި ފެސިލިޓީ ދޫކުރެވޭނީ ފަސް އަހަރުގެ ތެރޭގައި ފެސިލިޓީ ދައްކާ ހަލާސްކުރާ ގޮތަށެވެ.