Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ފިޔާ، ބިސް އަދި އަލުވި އަގުހެޔޮކޮށްފި

އެސްޓީއޯއިން ރޯދަޔަށް ހާއްސަކޮށްގެން ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގުތައް އިތުރަށް ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން ކުރިން ފިޔާ ބަސްތާއެއް ވިއްކީ 170ރ. އަށެވެ. އެކަމަކު މިހާރު އެ އަގު ވަނީ 160ރ. އަށް ތިރިކޮށްފަ އެވެ. އަލުވި ކިލޯއެއް ކުރިން 250ރ. އަށް ވިއްކި އިރު އޭގެ އަގު ވަނީ 240ރ. އަށް ހެޔޮކޮށްފަ އެވެ. އަދި ބިސް ކޭހެއް ކުރިން 290ރ. އަށް ވިއްކުމަށް ފަހު މިހާރު އޭގެ އަގު ވެސް ވަނީ 280ރ. އަށް ބަދަލުކޮށްފަ އެވެ.

ރީޓެއިލްކޮށް އެސްޓީއޯ އިން އަލުވި ކިލޯއެއް 11ރ. އަށް މިހާރު ވިއްކާއިރު ފިޔާ ކިލޯއެއް 9ރ. އަށް އަދި ބިހެއް ވިއްކަމުން އަންނަނީ 1.75ރ. އަށެވެ.

އެސްޓީއޯ އިން ވަނީ މާލޭ އިންޑަސްޓްރިއަލް ޒޯން، ގްރޭޓަރ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައި އެސްޓީއޯ ހޯލްސޭލް ކައުންޓަރެއް ވެސް ގާއިމުކޮށްފަ އެވެ. މިއީ ރޯދަމަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅިފައިވާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިހާރު އެސްޓިއޯ ހޯލްސޭލް ސެންޓަރުގެ އިތުރުން، އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެސްޓީއޯގެ ގުދަނުން ފައިސާބަލައިގަނެ، އިންވޮއިސް ހަދާ، އަދި މުދާ ދޫކުރެވޭ އިރު ހުޅުމާލޭގައި ހުޅުވޭ ރޯދަ މާޓް އިންވެސް މި ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.