Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

ކުރީގެ ފައިނޭންސް ކޮންޓްރޯލާ އެމްއެންޕީ އަށް

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނާންސް ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވައިފި އެވެ.

މުޙައްމަދު އަޙްމަދު އެމްއެންޕީ އަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕާޓީގެ މެންބަރޝިޕް ފޯމް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް ވަނީ ހަވާލް ކުރައްވާފަ އެވެ.

މުޙައްމަދު އަޙްމަދަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވައި، ސަރުކާރުގައި އަދި އެކިއެކި ކުންފުނި ތަކުގައި ވިޔަފާރިއާއި މާލީ ދާއިރާތަކުގެ އެކި މަޤާމްތަކުގައި މަސައްކަތްކުރައްވައި ދިގު މުއްދަތުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އަޙްމަދު ބެޗެލާސް ޑިގްރީ ޙާޞިލްކުރެއްވީ އެމެރިކަން ޔުނިވާސިޓީ އޮފް ބޭރޫތު (އޭޔޫބީ) އިންނެވެ. އަދި މާސްޓާސް ޑިގްރީ ޙާޞިލްކުރެއްވީ އިނގިރޭސި ވިލާތުންނެވެ.

ރާއްޖޭގެ ނަން ހިނގާ ބައެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، އެކި އެކި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރައްވާފައިވެ އެވެ. އެގޮތުން މުޙައްމަދު އަހްމަދު ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރެއްވި ބައެއް ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހިމެނެ އެވެ.

މީގެ އިތުރުން އައިޑީބީ.، ސާކް ޑިވެލޮޕްމެންޓް ފަންޑް، ފަދަ ސަރަޙައްދީ މާލީ އިދާރާތަކުގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައި ވެ އެވެ.

މުޙައްމަދު އަޙްމަދު އެމްއެންޕީގައި މަސައްކަތް ކުރައްވުމަށް ހަމަޖެހިފައިވަނީ އެ ޕާޓީގެ ރައީސް ނާޒިމްގެ ފައިނާންސް އެޑްވައިޒަރެއްގެ ގޮތުގައި ކަމަށް އެމްއެންޕީން ބުނެ އެވެ.