Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

އާސެނަލް ކަޓައިފި، ޔުނައިޓެޑް ކުއާޓާ އަށް

ޔޫރޮޕާ ލީގުގެ ގަދަ 16 އިން އާސެނަލް ކެޓިއިރު މުބާރާތުގެ ކުއާޓާފައިނަލަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް މުބާރާތުން ކެޓީ ރޭ އަމިއްލަ ދަނޑުގައި ސްޕޯޓިން ލިސްބަންއާ ބައްދަލުކޮށް ޕެނަލްޓީގައި 5-3 އިން ބަލިވުމުންނެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

މި ދެ ޓީމު މިދިޔަ ހަފްތާގައި ސްޕޯޓިންގެ ދަނޑުގައި ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް މެޗުގެ 19 ވަނަ މިނެޓްގައި ގްރޭނިޓް ޝަކާ ވަނީ އާސެނަލަށް ލީޑު ނަގާދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް އާސެނަލުން ތަނަވަސްކުރި ނަމަވެސް އެ ހަމަލާތައް ދިފާއުކުރީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ސްޕޯޓިންގެ ކީޕަރު އަޑާން އެވެ.

އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު މެޗުގެ 62 ވަނަ މިނެޓްގައި ސްޕޯޓިންގެ ޕެޑްރޯ ގޮންކަލްވޭސް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލު ގޮންކަލްވޭސް ކާމިޔާބު ކުރީ އާސެނަލްގެ ހާފްގެ މެދެއްގައި ހުރެ ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ބޯމަތިން ގޯލަށް ފޮނުވާލައިގެންނެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ލީޑު ނަގަން ސްޕޯޓިންގެ އެޑްވާޑްސް އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ރަމްސްޑޭލް އެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެ ދެ ހާފްގައި ލީޑު ނަގަން އާސެނަލުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ޓްރޮސާޑް އަދި ގެބްރިއަލް ފޮނުވާލި ހަމަލާތައް ދިފާއުކުރީ ސްޕޯޓިންގެ ކީޕަރެވެ. ނަތީޖާ ނެރުމަށް ޕެނަލްޓީއަށް ދިޔުމުގެ ކުރިން އާސެނަލްގެ ބުކާޔޯ ސަކާ އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ސްޕޯޓިންގެ މިޑްފީލްޑަރު މަނުއަލް އުގާޓޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފަ އެވެ.

ޕެނަލްޓީގައި ސްޕޯޓިން އިން ޖެހި ފަސް ޕެނަލްޓީ ވެސް އެ ޓީމުން ކާމިޔާބުކުރިއިރު އާސެނަލުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ މާޓިނެއްލީ ޖެހި ޕެނަލްޓީ އެވެ. އޭނާ ޖެހި ޕެނަލްޓީ މަތަކުރީ ސްޕޯޓިންގެ ކީޕަރު އަޑާން އެވެ.

މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދީ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ރެއާލް ބެޓިސް 1-0 އިން ބަލިކުރުމަށްފަހު އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 4-1 އިން ކާމިޔާބުކުރީ ވެސް ޔުނައިޓެޑުންނެވެ. ޔުނައިޓެޑް ކުއާޓާ އަށް ދަތުރުކުރީ 5-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. މިއީ މި ސީޒަނުގައި ރަޝްފޯޑް ކާމިޔާބު ކުރި 27 ވަނަ ގޯލެވެ. މި މެޗުގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ޔުނައިޓެޑަށް ލިބިފައިވެ އެވެ.

ޔުނައިޓެޑާއެކު ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައިވަނީ ޔުވެންޓަސް އާއި ސެވިއްޔާ އާއި ސްޕޯޓިން ލިސްބަން އާއި ރޯމާ އާއި ފޭނޫޑް އާއި ބަޔާ ލެވަކޫސަންގެ އިތުރުން ޔޫނިއަން ސެއިންޓް ގިލޮއިސް އެވެ. ކުއާޓާގައި ޓީމުތައް ބައްދަލުކުރާނެ ގޮތް އެނގޭނީ މިއަދު ނަގާ ގުރުއަތުލުމުންނެވެ.