Last Updated: May 13, 09:23
Tuesday, May 13, 2025
ޚަބަރު

ރައީސް މިހާރު ހުންނެވީ ބެދޭ މަޅީގައި ޖެހިފައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ހުންނެވީ ބެދޭ މަޅީގައި ޖެހިފައި ކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ، ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވަން ކޯލިޝަން ނަހަދައި، ވަކިން ރިޔާސީ އިންތިހާބަށް ނުކުންނަން ނިންމުމާ ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އެމްޑީޕީ ދެބައި ކުރައްވާފައި ކުރެއްވި އުންމީދަކީ ބޮޑު ކޯލިޝަނެއްގެ ހެދުން ކަމަށެވެ.

"[އެކަމަކު އެކަން ނުވެ] ބެދޭ މަޅި ނުފެންނާނެއޭ ބުނާ ތަން މިހާރު މިއޮތީ އައިސްފައި." އޭނަ ވިދާޅުވި އެވެ.

އެމްޑީޕީ ދެ ފަޅިކުރެއްވީ ރައީސް ސޯލިހު ކަމަށް އިންތި ވިދާޅުވި އިރު، ސަރުކާރާއި ރައީސް ސޯލިހުގެ ސިޔާސަތަށް ފާޑު ވިދާޅުވެ، އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނަކަށް މަސައްކަތް ފެއްޓެވި، އިންތި އަބަދު ވެސް ތާއީދުކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި މިކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ތެރޭގަ އެވެ. އިންތި އަކީ ނަޝީދުގެ ހިޔަނީގައި އެ މަގާމަށް ވާދަވެސް ކުރެއްވި ބޭފުޅެކެވެ.

ޖޭޕީން އަލުން އެމްޑީޕީއާ އެކީ ކޯލިޝަން ނަހަދައި ވަކިން އިންތިހާބަށް ނުކުންނަން ނިންމި ނަމަވެސް އެއީ ރައީސަށް ޗެލެންޖެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އަދި އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ނިންމި އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން ވެސް ބުނަމުން އަންނަނީ ރައީސް ސޯލިހު އިންތިހާބި ކާމިޔާބު ކުރައްވާނެ ކަމަށެވެ.