ކުރިއަށް އޮތް އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހޯލްސޭލް ކައުންޓަރެއް ހުޅުވައިފި އެވެ.
އެ ކައުންޓަރު ހުޅުވާފައި ވަނީ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ގްރޭޓާ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގަ އެވެ. ކައުންޓަރުން ވަނީ ޚިދުމަތް ވެސް ދޭން ފަށައިފަ އެވެ. މިއީ ރޯދަމަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާ އެކީ ފޯރުކޮށް ދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި އެ ކައުންޓަރާ އެކީ ކުންފުނީގެ މައި ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެ ކުންފުނީގެ ގުދަނުން ވެސް ފައިސާ ބަލައިގަނެ، އިންވޮއިސް ހެދުމާއި މުދާ ދޫކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން މިހާރު އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޯދައަށް ހާއްސަކޮށްގެން ފިހާރައެއް ވެސް ހުޅުވަން ތައްޔާރުވަމުންނެވެ. އެގޮތުން "ރޯދަ މާޓް" އިން ވެސް ފަސޭހަކަމާ އެކީ މުދާ ލިބޭނެ ކަމަށް ބުންޏެވެ.