Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ވައްކަންކޮށްގެން އެޗްޑީސީގެ މުވައްޒަފަކު ވަކިކޮށްފި

ވައްކަމުގެ މައްސަލައެއްގައި އެޗްޑީސީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ މުވައްޒަފަކު އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާ އެ މުވައްޒަފުގެ އިއުތިރާފުވުމާއިއެކު މިހާރު އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

މި އަމަލު ހިންގިކަން ފާހަގަކުރެވުނީ އެ ކޯޕަރޭޝަންގެ އިންޓަރނަލް ކޮންޓްރޯލްތަކުގެ ތެރެއިން ރިކޮންސައިލް ކުރަން ޖެހޭ ފައިސާގައި މައްސަލަތަކެއް ހުރުމުން ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ކައުންޓަރުގައި ހަރުކުރެވިފައިވާ ސީސީޓީވީ ކެމެރާއަށް ވެސް މި މުވައްޒަފުގެ އަމަލު ރެކޯޑް ކުރެވިފައިވާ ކަމަށާއި މި މައްސަލާގައި އެ ކޯޕަރޭޝަންގެ ތިޖޫރީން ފައިސާ ވަގަށް ނަގާފައި ނުވާ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

"އެފަދަ ކަމެއް ކުރުމުގެ ފުރުސަތު މި ކޯރޕަރޭޝަންގެ މުވައްޒަފަކަށް ލިބިފައެއް ނުވޭ. މި ކޯޕަރޭޝަންގައި ޤާއިމް ކުރެވިފައިވާ އިންޓާނަލް ކޮންޓްރޯލް އަދި އިންޓާނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން މިފަދަ އަމަލުތަކަށް ޖާގައެއް ނުލިބޭނެ." އެޗްޑީސީން ބުނެ އެވެ.

މި މައްސަލަ ވެސް ސަމާލުކަމަށް އައިސްފައިވަނީ މި ކޮންޓްރޯލްތައް ޤާއިމްކުރެވިފައިވާތީ ކަމަށާއި މި އަމަލަކީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ އަމަލެއް ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި، މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.