Last Updated: March 26, 16:36
Sunday, March 26, 2023
ޚަބަރު

އިދިކޮޅުން މުޅި ރާއްޖޭގައި މުޒާހަރާ ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ކޯލިޝަނުން މުޅި ރާއްޖޭގައި ބާއްވަން ނިންމި މުޒާހަރާ ފަށައިފި އެވެ.

މު މުޒާހަރާ އެންމެ ބޮޑުކޮށް ކުރިއަށް ގެންދަނީ މާލޭގަ އެވެ. ރަސްފަންނު ސަރަހައްދުގައި ކުރިއަށްދާ މުޒާހަރާގެ ހަރަކާތްތަކުގައި އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވަމުންދާއިރު ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭނެހެން ބެރިކޭޑް ޖަހާފަ އެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ ޔާމީނަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށާއި އެ ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަންކުރަން ގޮވާލަމުންނެވެ.

ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ ދުވަހުން ފެށިގެން އިދިކޮޅު ސަޕޯޓަރުން އަންނަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ ރެޔަކު މާލޭގައި އިދިކޮޅުން އަންނަނީ އެއްވުންތައް ބާއްވަމުންނެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.

މި ދައުވާތައް ސާބިތުވުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.