Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ހުޅުމާލެ ފޭސް 2 ގައި 'އެސްޓީއޯ ރޯދަ މާޓް' ހުޅުވައިފި

ރޯދަމަހަށް ހާއްސަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 'އެސްޓީއޯ ރޯދަ މާޓް' ހުޅުވައިފި އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި 'އެސްޓީއޯ ރޯދަ މާޓް' ހުޅުވައިދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ނުވައެއްގެ ތިރީގައި ހުޅުވި މި ފިހާރައިގެ ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު އަގެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ހޯލްސޭލް އަދި ރީޓެއިލް ހިދުމަތް ލިބޭ ގޮތަށް ހުޅުވާފައިވާ މި ފިހާރައިން، އެ ކުންފުނިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން ރެކް ކުއްޔަށް ނަގައިގެން ވިޔަފާރިކުރަމުންދާ ފަރާތްތަކުން ވިއްކާ މުދާ ލިބޭނެ އެވެ.

މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް މި ފިހާރައިން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.