Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

ޕުޓިން ހައްޔަރު ކުރަން އަމުރެއް ނެރެފި

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ހައްޔަރުކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން އަމުރެއް ނެރެފި އެވެ.

ޕުޓިން ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނީ ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމައިގައި ލާއިންސާނީ އަމަލުތަކެއް ހިންގަމުންދާ ކަމާއި ގާނޫނާ ހިލާފަށް ޔުކްރޭނުގެ ކުޑަކުދިން ރަޝިއާ އަށް ފޮނުވަމުންދާ ކަމަށް ތުހުމަތުކޮށެވެ. ޕުޓިންގެ އިތުރުން މި ކުށްތަކުގެ ތުހުމަތުގައި ރަޝިއާގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޝަނަރު މާރިއާ ވޯވާ ބެލޯވާ ވެސް ހައްޔަރުކުރަން އައިސީސީން ވަނީ އަމުރެއް ނެރެފަ އެވެ.

އައިސީސީން މި އަމުރު ނެރުނު ނަމަވެސް މި އަމުރު ތަންފީޒު ވާނެ ކަމަކަށް ނުބެލެވެ އެވެ. އެގޮތުން އައިސީސީން ނެރޭ އަމުރުތައް ތަންފީޒު ކުރުމުގެ ބާރު އެ ކޯޓަށް ލިބިގެން ނުވާއިރު މިފަދަ އަމުރުތައް ހިނގާނީ ވެސް އައިސީސީގެ މެމްބަރު ގައުމުތަކުގެ މެދުގަ އެވެ. ރަޝިއާ އަކީ އައިސީސީގެ މެމްބަރު ގައުމެއް ނޫނެވެ. ނަމަވެސް މި އަމުރާއެކު ގައުމުތަކަށް ދަތުރުކުރުމުގައި ޕުޓިން އަށް ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި އަމުރުގައި ތުހުމަތުކޮށްފައިވާ ކަންކަން ރަޝިއާ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އެގޮތުން ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވަނީ މިއީ ބާތިލު އަމުރެއް ކަމަށް ވިދާޅުވެފަ އެވެ. މި އަމުރު ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ސިފަކުރީ "ޓޮއިލެޓް ޕޭޕަރެއް"ގެ ގޮތުގަ އެވެ.

މި އަމުރަށް ޔުކްރޭނުގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ އަދި ރަޝިއާގެ އިދިކޮޅު ލީޑަރުން ވަނީ މަރުހަބާ ކިޔާފަ އެވެ.