Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު

ރޯދައިގެ ކުރިން ޔާމީން ގެއަށް ބަދަލުކޮށްދީ

ޑރ.މުހައްމަދު މުއިއްޒު - ފޮޓޯ: ޕީޕީއެމް

ރޯދަ މަސް ފެށުމުގެ ކުރިން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައިފި އެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިއްޔެ މާލޭގައި ބޭއްވި އިހުތިޖާޖުގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ރޯދަ މަސް އައިސް މިހާރު މިއޮތީ ޖެހިފައި ކަމަށާއި ނަމަވެސް ޔާމީން ނުހައްގުން ޖަލުގައި ބަހައްޓާފައި ހުންނާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. މި ރޯދަ މަސް އައުމުގެ ކުރިން ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން އެކި ސިފަ ސިފައިގައި ސަރުކާރުގެ ވެރިންނަށް އާދޭސްކޮށް ދަންނަވަމުންދާ ކަމަށާއި ނަމަވެސް މި ސަރުކާރަކީ އެއްގޮތަކަށް ވެސް އިންސާނިއްޔަތު ކަމަށް ވެސް ލޯބިކުރާ ބައެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުވިސްނޭ އެމަނިކުފާނު ގެއަށް ގެނެސްދިނުމަކުންނެއް މި ސަރުކާރަށް އޮތް ގެއްލުމެއް. މި ސަރުކާރަކީ، ރައީސުލްޖުމްހޫރިއްޔާ އަށް ހުންނެވި ބޭފުޅަކީ އެއްވެސް ގޮތަކަށް އިންސާނިއްޔަތު ކަމަށްވެސް ލޯބިކުރައްވާ ބޭފުޅެއް ނޫންކަން ފެނިގެންދޭ." މުއިއްޒު ވިދާޅުވި އެވެ.

ޔާމީން ގެއަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް އުއްމީދެއް އަދި އުޖާލާ ކަމެއް ލިބިގެން ނުދާ ކަމަށާއި ނަމަވެސް މި މަސައްކަތް ހުއްޓާލާނީ ހަމައެކަނި ޔާމީން ގެއަށް ބަދަލުކުރުމުގެ ބަދަލުގައި ވެރިކަމަށް ގެނެސްފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ ދުވަހުން ފެށިގެން އިދިކޮޅު ސަޕޯޓަރުން އަންނަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ ރެޔަކު މާލޭގައި އިދިކޮޅުން އަންނަނީ އެއްވުންތައް ބާއްވަމުންނެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.

މި ދައުވާތައް ސާބިތުވުމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.